ޚަބަރު

އޭވިއޭޝަން ސެކިއުރިޓީ ހަރުދަނާކުރެއްވުމަށް މަޝްވަރާކޮށްފި


ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރެއްވުމަށް އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި ކަމާ ގުޅުންހުރި ދާއިރާތައް ގުޅިވަޑައިގެން މިއަދު މަޝްވަރާކުރައްވައިފިއެވެ. 

ކޯސްޓްގާޑު ބިލްޑިންގގައި ކުރިއަށްދިޔަ މި މަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ ޑިފެންސް މިނިސްޓްރީއާއި، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯ ގުޅިވަޑައިގެނެވެ. މިގޮތުން ދިވެހިރާއްޖޭގެ މަދަނީ ވައިގެދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގައި ކަމާގުޅުން ހުރި ދާއިރާތަކުން ތިރީސް ހަތަރު ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ހުރިހާ އެއަރޕޯޓުތަކުގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުންވެސް ހިމެނިވަޑައިގެންނެވިއެވެ. 

''އިންޑަސްޓިރިއަލް ބްރީފިންގ އޮން އޭވިއޭޝަން ސެކިއުރިޓީ  އޯވަސައިޓް ސިސްޓަމް'' ގެ ނަމުގައި ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލަމާތާއި ރައްކާތެރިކަން ޔަޤީންކުރައްވައި ދެމެހެއްޓެވުމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، މި ދާއިރާގެ ރައްކާތެރިކަން ދެމެހެއްޓުމަށް ތަންފީޒުކުރަމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ކަމާގުޅޭ އޮފިޝަލުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. އަދި އޭވިއޭޝަން ދާއިރާއާ ގުޅުން ހުރި ޒިންމާތައް ޙަވާލުވެފައިވާ ފަރާތްތަކުން އެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ދެނެގަތުމާބެހޭ ގޮތުން މަޢުލޫމާތު ބަދަލުކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14743796867805.jpg|ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރު

ބައްދަލުވުން ފަށްޓަވައިދެއްވަމުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުޙައްމަދު ޒުހައިރު ވިދާޅުވީ، މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް ގިނަކަމަށެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ޓެރަރިސްޓު ޙަމަލާތަކާއި، މަދަނީ ވައިގެ ދަތުރުފަތުރަށް ބުރޫއަރާފާނެ އަމަލެއް ހިންގުން މިއަދު ވަކި ސަރަޙައްދުތަކަކަށް ޚާއްޞަ ނޫންކަމަށާއި އެކަމުގައި ހުރި ނުރައްކާތައް ދުރާލައި ދެނެގަނެ ސަލާމަތީ ފިޔަވަޅު އަޅަންޖެހޭކަމަށެވެ. 

"މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް، ކަމެއް ދިމާވުމުން ޙައްލު ހޯދުމުގެ ބަދަލުގައި، އެކަމުގެ ހުރި ނުރައްކާތައް އެބަޖެހޭ ދެނެގަނަން. މިދާއިރާއަށް ހުރި ގޮންޖެހުންތައް ގިނަ. ޤާނޫނުތަކުގައި ހުރި އުނިކަން ދެނެގެނަންޖެހޭ." ޒުހައިރު ވިދާޅުވިއެވެ. 

އޭވިއޭޝަން ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރެއްވުމަށް މިއަހަރު ކަނޑައަޅުއްވާފައިވާ ބައެއް ކަންކަން ސްޓޭޓް މިނިސްޓަރ މި ބައްދަލުވުމުގައި ޙިއްޞާކުރެއްވިއެވެ. އޭގެތެރޭގައި ޤައުމީ ފެންވަރުގައި އެކަށައެޅިފައިވާ ކޮލިޓީ ކޮންޓްރޯލް ޕްރޮގްރާމް މުރާޖާޢާކުރެއްވުމާއި،  މިދާއިރާގައި ކުރެވޭ އޮޑިޓްތަކާއި ޓެސްޓްތަށް ހެދުމުގައި ބޭނުންވާ ވަޞީލަތްތައް ފުރިހަމަކުރެއްވުން ހިމެނެއެވެ. 

''އޯޑިޓްތަކާއި ޓެސްޓުތައް ހެދުމަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަކުރުމާއި، ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކާއި، އޭވިއޭޝަން ކޮމާންޑު އިތުރުކުރުމާއި، މިނިސްޓްރީގެ ކޮލިޓީ ކޮންޓްރޯލް ޕްރޮގްރާމް ގެ ޤާބިލްކަން އުފެއްދުމަކީ މިއަހަރު ކުރަން ރާވާފައިވާ ކަންކަން" ޒުހައިރު ވިދާޅުވިއެވެ. 

މި ބައްދަލުވުމުގައި މަޢުލޫމާތު ސެޝަން މޮޑަރެޓްކުރައްވައި މަޢުލޫމާތުދެއްވީ އިންޓަރނޭޝަނަލް ސިވިލްއޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯގެ ސީނިއަރ އޭވިއޭޝަން ސެކިއުރިޓީ އެޑްވައިޒަރ ކައިލް ބާޓާއެވެ.