ވިޔަފާރި

ފިނޭންސް ކައިރީ ބަހައްޓާފައި ހުރި އޭޓީއެމް މެޝިންތައް ނަގަނީ


ފިނޭންސް މިނިސްޓްރީގެ އައު އިމާރާތުގެ މަސައްކަތަށް އެ މިނިސްޓްރީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުގެ ޙިދުމަތް ހުއްޓާލުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ. 

އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ 10:00 އިން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުގެ ޚިދުމަތް ހުއްޓާލުމަށް ހަމަޖެހިފައިވާކަމަށާއި މި ގޮތަށް ޚިދުމަތް ހުއްޓާލަން ޖެހުނީ މި ސެންޓަރ ހިމެނެނީ ފިނޭންސް މިނިސްޓްރީގެ އަލަށް ހަދަންފަށާ އާ އިމާރާތުގެ ސައިޓް ތެރޭގައިކަމަށްވުމާއި މި އިމާރާތުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާތީ ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ހާމަކުރެއެވެ.

މި ސެންޓަރުގެ ޚިދުމަތް މެދުކެނޑުނު ކަމުގައިވިޔަސް މާލޭގެ އެހެން ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކުން ޚިދުމަތް ލިބޭނެ ކަމަށްވެސް އެ ބޭންކުން ހާމަކުރެއެވެ. ސެލްފްސަރވިސް ބޭންކިންގ އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ނެގުމާއި ޖަމާކުރުން، ޗެކް ޖަމާކުރުން އަދި ފައިސާ ފޮނުވުމާއި ބިލަށް ފައިސާ ދެއްކުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭގޮތަށް ބީއެމްއެލް އިން ހަމަޖައްސާފައިވާއިރު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތްދޭ ހަމައެކަނި ބޭންކެވެ.