ޓުއަރިޒަމް

އުތީމުގައި 100 އެނދުގެ ޓޫރިސްޓް ހޮޓަލެއް އަޅަނީ


ހއ.އުތީމުގައި އެނދުގެ ޓޫރިސްޓް ހޮޓަލެއް އެޅުމަށް ނިންމަވައިފިއެވެ. އެރަށުގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް އަންނަ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ބިޑަށް ހުޅުވާލާނެކަމަށް އުތީމް ކައުންސިލުން ހާމަކުރައްވައެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން ތާރީޚި ގޮތުން ހއ އުތީމަކީ ފާހަގަކޮށްލެއްވޭ ރަށެކެވެ. ޤުދުރަތުން ރީތި ގޮނޑުދޮށެއް ލިބިފައިވާ އުތީމަކީ ރާއްޖޭގެ ޤައުމީ ދުވަސް، އެ ބަޠަލަކަށް ނިސްބަތްވާ މުޙައްމަދު ތަކުރުފާނު ނުވަތަ ބޮޑުތަކުރުފާނުގެ ގަނޑުވަރު ހުންނަށް ރަށެވެ.

އުތީމުން ބޮޑުތަކުރުފާނާއި އެތަކުރުފާނު ކުރެއްވި ޖިހާދާ ގުޅޭ އެތައްކަމެއް ފެނިގެންދާ ރަށެއްވެސްމެއެވެ. އެރަށަށް ޚާއްސަކޮށް އަލަށް ޓޫރިޒަމް ވިޔަފާރި ތަޢާރަފް ކުރެއްވުމަށް އެރަށުކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. އެރަށުގައި އަލަށް މިވިޔަފާރި ފުޅާކުރުމަށް ކައުންސިލުން ވިސްނަވާފާއިރު، މިހާރުވެސް އެރަށުގައި ހުރި ރާއްޖޭގެ ތާރީޚާ ގުޅިފައިވާ ތަންތަން ބަލާލުމަށް ކައިރި ރިސޯޓްތަކުން އެރަށަށް ފަތުރުވެރިން މިހާރުވެސް ޒިޔާރަތްކުރެއެވެ.

އުތީމު ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، 50 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް އެޅުމަށް އަންނަ އޮކްޓޫބަރު މަހުގެ އަށާރަ ވަނަ ދުވަހު ބިޑަށް ހުޅުވާލާނެ ކަމަށެވެ. އަދި ރަށުގެ ހުޅަނގު ފަރާތުން ދުއިސައްތަ އަށްޑިހަ ހާސް އަކަފޫޓުގެ ބިން ޓޫރިޒަމަށް ޚާއްސަކޮށްފައިވާކަމަށެވެ.

"މިރަށުގައި މި ފަށަނީ ގެސްޓް ހައުސް ކޮންސެޕްޓެއް ނޫން. މިއީ ޓޫރިސްޓް ހޮޓެލް ކޮންސެޕްޓް. ފުރަތަމަވެސް 50 ކޮޓަރި އެޅޭނެ. އެއީ 100 އެނދުގެ ޓޫރިސްޓް ހޮޓެލެއް" ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ސަރަޙައްދަކީ ރަށުގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދާ ވަކިން އޮންނަ ސަރަޙައްދެއް ކަމަށެވެ. އަދި ރަށަށް ފަތުރުވެރިކަން ތަޢާރަފް ކުރުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

"ވޭތުވެ ދިޔަ 6 އަހަރު މިކަމަށް ކައުންސިލުން މަސައްކަތްކުރި. ފަތުރުވެރިން ބީޗް ބޭނުން ކުރާނީ ވަކިން. ޕްރައިވެޓްކޮށް ބީޗް ބޭނުންކުރާނީ" ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ރަށަށް ފަތުރުވެރިކަން ތައާރަފްކުރުމުން، ރަށުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށް ކައުންސިލުން ދެކިވަޑައިގަންނަވައެވެ. އަދި މިއީ މިހާރު ރަށުން ބޭރުގައި ވަޒީފާއަދާކުރަމުންދާ ޒުވާނުންނަށް ރަށުގައި ތިބިގެން ވަޒީފާ އަދާ ކުރުމަށް ލިބިގެންދާނެ ފުރުސަތެކެވެ.