ޚަބަރު

މައިލޯ ރަމަޟާން ކުރިކެޓު ކާނިވާ: މީޓިއޮސް ބަލިކޮށް ނާލި އެއްވަނައަށް


  • މިއީ މުބާރާތުގައި އޮފްއެފްސީ ހޯދި ފުރަތަމަ މޮޅު

  • ނާލި އެއްވަނައަށް ޖެހިލީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 8 ޕޮއިންޓާއެކު

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގައި މީޓިއޮސް ބަލިކޮށް ގުރޫޕުގެ އެއްވަނައަށް ނާލި އެކްސްޗޭންޖުން ޖެހިލައިފިއެވެ.

މާފަންނަ އެއްނަންބަރު ކުރިކެޓް ދަނޑުގައި ކުޅުނު ފުރަތަމަ މެޗު މީޓިއޮސް މައްޗަށް ނާލި ކުރި ހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު 9 ލަނޑުންނެވެ. މެޗުގެ ގުރުދިމާވުމުން މީޓިއޮސް ގަސްތު ކުރީ ހޮވުމަށެވެ.

ފުރަތަމަ ނާލި ޓީމުން ކުޅެންއަރާ 8 އޯވަރުގެ 2 ކުޅުންތެރިން ނުބައިވެގެން 117 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 20 ލަނޑު ހެދި އިބްރާހިމް އަލީއެވެ.
ޖަވާބުގައި މީޓިއޮސް ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 34 ލަނޑު ހެދި ހުސެއިން ޝަހުބާޒްއެވެ.

މިއަދު ކުޅުނު ދެވަނަ މެޗު އޮފްއެފްސީ ކާމިޔާބު ކުރީ މޭރީ ކޯނަރ ވާދަކޮށް 9 ވިކެޓުންނެވެ. ގުރުދިމާވުމުން މޭރީ ކޯނަރ އިން ކުޅެންއަރާ 8 އޯވަރު 1 ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 92 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 11 ބޯޅައިން 32 ލަނޑު ހެދި އަހުމަދު އަރަފާތެވެ.

ޖަވާބުގައި އޮފްއެފްސީން ކުޅެންއަރާ 7.5 އޯވަރުގެ ތެރޭގައި 1 ކުޅުންތެރިއަކު ނުބައިވެގެން 93 ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ބޯޅައިން 27 ލަނޑު ހެދި އިސްމާއިލް އަކްސަމްއެވެ.

މިއީ މުބާރާތުގައި އޮފްއެފްސީ ހޯދި ފުރަތަމަ މޮޅެވެ. މިއަދުގެ ނަތީޖާތަކާ އެކު ނާލި އެއްވަނައަށް ޖެހިލީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 8 ޕޮއިންޓާއެކުއެވެ. ދެވަނައިގަ އޮތީ 4 ޕޮއިންޓާއެކު މީޓިއޮސްއެވެ.

މުބާރާތް ފޯރި ގަދަ ކުރުމުގެ ގޮތުން "ކެޗް އެންޑް ވިން"ގެ ނަމުގައި މުބާރާތް ކުރިއަށްދާ ވަގުތު މެޗުތައް ބަލަންދާ ފަރާތްތަކަށް، ޚާއްސަ އިނާމުތަކެއް ދިނުމަށްވެސް ސީބީއެމުން ވަނީ ނިންމާފައެވެ.