އީރާނުގެ ރޫޙީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީގެ އިތުރުން އެ ޤައުމުގެ އަސްކަރިއްޔާގެ އިސްވާރުންގެ ތެރޭގައި ހިމެނޭ މުހިންމު ބަޔަކު ޝަހީދު ކޮށްލުމާ ގުޅިގެން، ޤައުމު ހިންގުމަށް ވަގުތީ މަޖިލީހެއް އެކުލަވާލައި، އިޢުލާނުކޮށްފިއެވެ.
ޚާމަނާޢީގެ އިތުރުން އީރާންގެ އަސްކަރީ އިސްވާރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ އިސްރާއީލާއި އެމެރިކާ ގުޅިގެން ފެބުރުވަރީ 28ވަނަ ދުވަހު އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައެވެ.
ވަގުތީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅުންނަކީ އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން، އުއްތަމަ ފަނޑިޔާރު ޣުލާމް ޙުސައިން މުޙްސިން އީޖީ އަދި ދީނީ ޢިލްމުވެރިންގެ މައްޗަށް އެކުލެވިގެންވާ އީރާންގެ އެންމެ މަތީ މަޖިލީހުގެ މެންބަރު، އާޔަތުﷲ ޢަލީ ރިޟާ ޢަރަފީއެވެ.
އީރާނުގެ ޤާނޫނުއަސާސީގެ ދަށުން، 88 މެންބަރުންގެ މައްޗަށް އެކުލެވޭ ތަޖުރިބާކާރުންގެ މަޖިލީހަކުން އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަން ކުރަންދެން، އީރާންގެ ވެރިކަން ހިންގާނީ އެ ކައުންސިލުންނެވެ.
އަދި ތަޖުރިބާކާރުންގެ މަޖިލީހުން، ވީއެންމެ އަވަހަކަށް އައު ރޫޙީ ވެރިޔާގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރަންޖެހޭނެކަމަށް ވެސް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވެއެވެ. ސަލާމަތާ ބެހޭ މަޖިލީހުގެ އިސް މުޝީރު، ޢަލީ ލަރިޖާނީ ވެސް ވަގުތީ ސަރުކާރުގައި އިސް ދަޢުރެއް އަދާކުރައްވާނެކަމަށް ބެލެވެއެވެ.
ލަރިޖާނީ ވިދާޅުވެފައިވާ ގޮތުގައި، ޔަހޫދީންގެ ހީލަތްތެރި ޢަމާޒަކީ، އީރާން ބައިބައިކޮށް، ހަމަނުޖެހުމުގެ ތެރެއަށް ވައްޓައިލުމެވެ. ނަމަވެސް، އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހިތްވަރުގަދަ ފައުޖުތަކުން އެކަން ކާމިޔާބުވިޔަނުދޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޚާމަނާޢީގެ އިތުރުން އީރާންގެ އަސްކަރިއްޔާގެ އިސް އަސްވާރުން ޝަހީދުކޮށްލުމާ ގުޅިގެން އެ ކަމުގެ ބަދަލުހިފުގެ ގޮތުން އައިއާރްޖީސީން ވަނީ އެމެރިކާއާއި ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައެވެ. މި ގޮތުން، މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށާއި ޔަހޫދީ އިސްރާއީލުގެ ތެލް އަވީވްގައިވާ އަސްކަރީ މަރުކަޒުތަކަށް އައިއާރުޖީސީން ވަނީ ޙަމަލާދީފައެވެ. އީރާންގެ ޙަމަލާތައް އަމާޒުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޤަޠަރު، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، ކުވައިތު، ބަޙްރައިން، އުރުދުން، ސަޢޫދީ ޢަރަބިއްޔާ އަދި ޢިރާޤު ހިމެނެއެވެ.