ޚަބަރު

އީރާނުގެ ޙަމަލާތައް ވަރުގަދަކޮށްފި، ބަޙްރައިން، ޤަޠަރު އަދި ޔޫއޭއީގައި ބާރުގަދަ ގޮވުންތަކެއް


އެމެރިކާއާ ގުޅިގެން ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް އީރާނުން މިއަދުވެސް ޙަމަލާތައް ދެމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ 24 ޕްރޮވިންސަކަށް ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުﷲ އަލް ޚާމާނާއީ ވަނީ ޝަހީދުކޮށްލައިފައެވެ.

އީރާނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ޢަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފައެވެ. ޔަހޫދީންގެ ދަޢުލަތުގެ އިތުރުން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް އީރާނުން ދަނީ ޙަމަލާތައް ދެމުންނެވެ.

އެގޮތުން މިއަދުވެސް، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީގެ) ދުބާއީގެ އިތުރުން ޤަތަރުގެ ވެރިރަށް ދޯހާއަށް ވަނީ ޙަމަލާތައް ޢަމާޒުކޮށްފައެވެ. ދުބާއީ އާއި ދޯހާގެ މަތިން ބާރުގަދަ ގޮވުންތަކުގެ އަޑުތައް އިވެމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ. އެ ދެ ޤައުމުގެ އަސްކަރީ ދިފާޢީ ނިޒާމުން އީރާނުގެ ޑްރޯނާއި މިސައިލްތައް ވައްޓައިލަމުން ދިޔަ ނަމަވެސް، ވެއްޓޭ މިސައިލް އަދި ޑްރޯންތަކުގެ ބައިތަކުން އެކި ގެއްލުންތައް ލިބިފައިވާކަމަށް އެ ދެ ޤައުމުން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މިގޮތުން، އީރާނުގެ ޑްރޯނެއްގެ ބައިތައް ދުބާއީގައި މީހުން ދިރިއުޅޭ ދެ ގެއަކަށް ވެއްޓި، ދެ މީހުން ޒަޚަމްވެފައިވާކަމަށް ބުންޏެވެ. މީގެއިތުރުން، ދުބާއީގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރާއި، ބުރުޖް އަލް ޢަރަބް ހޮޓަލާއި ޕާމް ޖުމެއިރާއަށް ގެއްލުންތައް ލިބިފައިވާކަމަށް ޔޫއޭއީން ބުނެފައިވެއެވެ. އަދި ދުބާއީގެ ޖަބަލް ޢަލީ ބަނދަރަށް ވެސް އީރާނުގެ ވައިގެ ޙަމަލާއެއް ޢަމާޒުވެ، ދުން އަރަމުންދާކަމަށް ރިޕޯޓުތައް ބުންޏެވެ.

ޤަތަރުގެ ދާޚިލީ ވުޒާރާއިން ބުނީ، އީރާނުގެ މިސައިލްގެ ބައިތަކެއް ސިނާޢީ ސަރަޙައްދަކަށް ވެއްޓި، އެތަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާ ކަމަށެވެ.

މީގެއިތުރުން، އޮމާނަށް ވެސް އީރާނުން މިއަދު ވަނީ ވައިގެ ޙަމަލާތައް ޢަމާޒުކޮށްފައެވެ. މިގޮތުން، އޮމާނުގެ ދުޤުމް ވިޔަފާރި ބަނދަރަށް ދެ ޑްރޯން ޙަމަލާ ޢަމާޒުވެ، އެތަނުގައި މަސައްކަތް ކުރާ މީހަކު ޒަޚަމްވެފައިވާކަމަށް އޮމާނުގެ ސަރުކާރުން ބުންޏެވެ.