ސިއްހަތު

ތުއްތު ކުދިންނަށް ފަރުވާދިނުމާގުޅޭ ޚާއްޞަ ވަރކްޝޮޕެއް ހިންގައިފި


ކާރިސާތަކާއި، އެފަދަ އެހެން ޙާލަތްތަކުގައި ފުރާނައަށް ނުރައްކާވެފައިވާ ތުއްތު ކުދިންނަށް ފަރުވާދިނުމުގެ އުޞޫލުތައް ދަސްކޮށްދީ، އެފަދަ ކުދިން ޢާންމު ޙާލަތްތަކަށް ގެންނާނެ ގޮތުގެ ތަމްރީން ޕްރޮގްރާމެއް ރާއްޖޭގައި ހިންގަވައިފިއެވެ.

7 ދުވަހުގެ މުއްދަތަށް ހިންގެވި މި ތަމްރީން ޕްރޮގްރާމަކީ، އޮސްޓްރޭލިޔާގެ ފެކަލްޓީ އޮފް އެޑްވާންސް ޕީޑިއެޓްރިކް ލައިފް ސަޕޯޓުގެ ފަރާތުން، ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިދާރާތަކާ ގުޅިވަޑައިގެން ހިންގެވި ޕްރޮގްރާމެކެވެ. ޖުމްލަ 20 ބޭފުޅުން މި ތަމްރީންގައި ބައިވެރިކުރައްވާފައިވެއެވެ. ތަމްރީންތަކުގައި ބައިވެރިކުރެއްވީ މާލެ ސަރަޙައްދުގައި މަސައްކަތް ކުރަމުންދާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި މަސައްކަތްކުރައްވާ ލެކްޗަރަރއިންނެވެ. ޚާއްޞަކޮށް އައި.ޖީ.އެމް.އެޗާއި، އޭ.ޑީ.ކޭ އަދި ހުޅުމާލޭ ހޮސްޕިޓްލަގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޑޮކްޓަރުން މި ޕްރޮގްރާމްގައި ބައިވެރިކުރައްވާފައިވެއެވެ.

ތަމްރީންތަކުގައި ތިއަރީ ބައިގެ އިތުރުން، ޢަމަލީ ބައިތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ތަމްރީންތަކުގައި، ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެނައުމުގެ ކުރިން ތައްޔާރުވެފައި ތިބުމާއި، ކުއްޖާ ގެނައުމުން ޢަމަލުކުރަންވީ ގޮތްތަކާއި، ކުއްޖާގެ ޙާލަތު ރެކޯޑްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މި ތަމްރީންތަކުގައި ތިއަރީ ބައިގެ އިތުރުން، ޢަމަލީ ބައިތައްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

ތަމްރީން ނިންމުމަށް މިއަދު އައި.ޖީ.އެމް.އެޗްގެ އޯކިޑް މާލަމްގައި ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލެތް ޙުސައިން ރަޝީދެވެ.