ޚަބަރު

މެދުއިރުމައްޗަށް ފުރުމުގެ ކުރިން ފްލައިޓުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި


  • ފްލައިޓްތަކުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓުން ލިބޭނެ

  • ވީއައިއޭއަށް އޮޕަރޭޓްކުރާ ފްލައިޓްތަކުގެ މައުލޫމާތު fis.com.mv އިން ފެންނާނެ

މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ ކުރިން ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓުން ހޯދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން އިލްތިމާސް ކުރައްވައިފިއެވެ.

އެމްއޭސީއެލްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަޙައްދު ވަގުތީގޮތުން ބަންދު ކުރުމާއި ގުޅިގެން އެސަރަޙައްދުގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން އެއާޕޯޓަށް ދިޔުމުގެ ކުރިން އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެދޭ ކަމަށެވެ.

ފަސިންޖަރުން ސަމާލުކަން ދޭންވީ ކަންކަންވެސް އެމްއޭސީއެލްއިން ވަނީ އަންގަވާފައެވެ. އެގޮތުން ދަތުރުކުރާ އެއާލައިންގެ ވެބްސައިޓު ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި، ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓްތަކުގެ އެންމެފަހުގެ މައުލޫމާތު ހޯދުމާއިއެކު، އެ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ތަބާވުމަށް ވަނީ އެދިފައެވެ. އަދި ދުރާލާ ދަތުރުގެ ކަންކަން ރޭވުމަށްވެސް އެދިފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓް ކުރާ ފްލައިޓުތަކުގެ އެންމެފަހުގެ މައުލޫމާތު fis.com.mvއިން ލިބޭނެ ކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ޚާއްޞަކޮށް ހަމަލާ އަމާޒުވަމުންދާ ޤައުމުތަކުގައި ތިބި ދިވެހީން ބޭރަށް ނިކުމެ އުޅުން ވީހާވެސް މަދުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެ ޤައުމެއްގެ ސަރުކާރުން ސަލާމަތާއި، ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރެއްވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.