ޔަހޫދީންގެ ވައިގެ ޙަމަލާއެއް އީރާނުގެ މަދަރުސާއަކަށް އަމާޒުކޮށްފިއެވެ.
ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ ގުޅިގެން އެމެރިކާއިން ވަނީ އަނެއްކާ ވެސް އީރާނަށް ޙަމަލާދޭން ފަށައިފައެވެ. އެ ގޮތުން ޔަހޫދީން ދީފައިވާ އެއް ޙަމަލާ އަމާޒުކޮށްފައި ވަނީ އީރާނުގެ ހުރުމުޒްޣާން ޕްރޮވިންސުގެ މީނާބް ސިޓީގެ ޕްރައިމަރީ މަދަރުސާއަކަށެވެ. އެ ޙަމަލާގައި 53 މީހުން ޝަހީދުވެފައިވާ ކަމަށް އީރާނުން ބުނެއެވެ. އަދި އިތުރު 63 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ވެފައިވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަނީ ޙަމަލާ ދިން ސަރަޙައްދުގެ ފޮޓޮއެއް ޙިއްޞާ ކުރައްވައި، ޔަހޫދީން މަދަރުސާއެއް ސުންނާފަތިކޮށްލައި ކުށެއް ނެތް މައުސޫމް ކުދިންތަކެއް ޝަހީދުކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ. އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އެ ޤައުމުން ޖަވާބު ދޭނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފައެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، އިސްމާޢީލް ބަޣާއީ ވެސް ވަނީ އެ ޙަމަލާއަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވައި، އދގެ ސަލާމަތީ މަޖިލީހުން ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައެވެ.
މަދަރުސާ ހުރި ސަރަަޙައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިޔާ، އައިއާރުއެންއޭއިން ބުނެއެވެ. މީނާބްގެ މަދަރުސާއަށް ދިން ޙަމަލާގެ އިތުރުން އީރާނުގެ ވެރިރަށް ތެހްރާންއަށް ޔަހޫދީން ދިން ޙަމަލާއެއްގައި މަދަރުސާއަކަށް ގެއްލުން ލިބި، ދެ ދަރިވަރުން ޝަހީދުވެފައިވެއެވެ. ކުޑަކުދިން ކިޔަވާ މަދަރުސާތަކަށް ޔަހޫދީން މި ފަދަ ޙަމަލާތައް ދެމުންދާތީ، އެމެރިކާއާއި ޔަހޫދީން ޙަމަލާ ދެނީ އަސްކަރީ އަމާޒުތަކާއި ސަރުކާރަށް އަމާޒުކޮށް އެކަނި ކަމަށާއި އާންމު ރައްޔިތުންނަށް ނޫން ކަމަށް ބުނާ ބުނުމާމެދު ސުވާލު އުފެދެއެވެ.