ޚަބަރު

އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ދެކޮޅަށް އީރާނުގެ ރައްދު ޙަމަލާތަކެއް


ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ ގުޅިގެން އެމެރިކާއިން އީރާނަށް އަނެއްކާވެސް ޙަމަލާދޭން ފަށާފައިވަނިކޮށް، ރައްދުގައި އީރާނުން މެދުއިރުމަތީގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާތައް ޢަމާޒުކުރަން ފަށައިފިއެވެ.

ޔަހޫދީންނާ ގުޅިގެން އީރާނަށް ޙަމަލާދޭން ފަށާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޢުލާނުކުރައްވައިފައެވެ.

އީރާނުގެ ވެރިރަށް ތެހެރާންގެ އިތުރުން އެ ޤައުމުގެ ހަތަރު މައި ސަހަރަކަށް މިސައިލް ޙަމަލާތައް އަމާޒުކުރަމުންދާކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. އެގޮތުން، އެ ތަންތަނުގައި ބާރުގަދަ ގޮވުންތަކާއެކު ދުން އަރަމުންދާ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ޢާންމުވެފައެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޔަހޫދީންނާއި އެމެރިކާ ގުޅިގެން ޙަމަލާތައް ޢަމާޒުކުރަމުންދަނީ އީރާނުގެ ރޫޙާނީ ވެރިޔާ ޢާޔަތުﷲ އަލް ޚާމަނާއީ އާ ގުޅުންހުރި ތަންތަނަށެވެ.

އެ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ޢަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ފޮނުވާލައިފައެވެ. އޭގެތެރެއިން ބައެއް ޙަމަލާތަކުގައި ޔަހޫދީންގެ ބައެއް ޢިމާރާތްތަކަށް ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުންޏެވެ.

ޔަހޫދީންގެ ދަޢުލަތުގެ އިތުރުން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް އީރާނުން ދަނީ ޙަމަލާތައް ފޮނުވަމުންނެވެ.

އޭގެތެރޭގައި، ޤަތަރު، ބަޙްރެއިން، ކުވެއިތު، އުރުދުން، ޔޫއޭއީ ވެސް ހިމެނެއެވެ. ބަޙްރެއިނުން ބުނީ، އީރާނުން ފޮނުވައިލި ދެ މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ.

މިއާ އެކު، މެދުއިރުމަތީގެ މަސްރަޙް ވަނީ ހޫނުވެގެން ގޮސްފައެވެ.

އެ ޤައުމުތަކުން ވެސް މިހާރު ވަނީ، އީރާނުގެ ޙަމަލާތަކުން ދިފާޢުވުމުގައި ފަހަތަށް ނުޖެހޭނެކަމުގެ އިންޒާރު ދީފައެވެ.

ވައިގެ ޙަމަލާތަކުގެ ސަބަބުން، މެދުއިރުމަތީގެ ގިނަ ޤައުމުތަކުން މިހާރު ވަނީ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން، ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފައެވެ.

ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި މި ވަނީ، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު މަޝްވަރާތައް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

ނަމަވެސް، އެ މަޝްވަރާތަކުން މާބޮޑު ކުރިއެރުމެއް ނުލިބޭކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފައެވެ.

ހުސްވި އަހަރުގެ ޖޫން މަހު ވެސް ޔަހޫދީން ވަނީ އީރާންގެ ރަށްތަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގަމުންދާ މަރުކަޒުތަކަށް ދިން ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ވެސް ބައިވެރިވިއެވެ. ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން އީރާނާއި އިސްރާއީލާ ދެމެދު 12 ދުވަހަށް ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރިއެވެ.