ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްގެންދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ ތިންވަނަ ދުވަހުގެ މެޗު ޓީމް ޑީއެކްސްއިން ކާމިޔާބުކޮށްފިއެވެ.
އެޓީމުން މެޗު ކާމިޔާބުކޮށްފައިވަނީ ކުނަހަންދޫ ގާލްސްއާ ވާދަކޮށް، 8 ލަނޑުގެ ފަރަގަކުން ބަލިކޮށްގެންނެވެ.
ލ. ކުނަހަންދޫ ކުރިކެޓް ދަނޑުގައި ކުރިއަށްދިޔަ މިމެޗުގެ ގުރު ދިމާވެގެން ކުނަހަންދޫ ގާލްސް ޓީމުން ގަސްދުކުރީ ހޮވަން އަރާށެވެ. ޓީމް ޑީއެކްސްއިން ކުޅެން އަރާ 8 އޯވަރު 7 ވިކެޓަށް ހެދުނީ 105 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ޒާކުރް މުހައްމަދެވެ. އަދި ކުނަހަންދޫ ގާލްސް ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ 31 ލަނޑަށް 3 ވިކެޓް ނެގި ޝަޔާނާ މުހައްމަދު ރަޝީދެވެ.
ޖަވާބުގައި ކުނަހަންދޫ ގާލްސް ޓީމުން ކުޅެން އަރާ 7 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 97 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 21 ލަނޑު ހެދި ނަބާ ބިންތި ނަސީމެވެ. ޓީމު ޑީއެކްސްއިން އެންމެ ރަނގަޅަށް އުކީ 22 ލަނޑަށް 3 ވިކެޓް ބެގި، މުހަންމަދު ރާޣިބެވެ. އަދި އޭނާވަނީ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައިއެވެ.
ކުނަހަންދޫގައި ފޯރިއާއެކު ކުރިއަށްދާ މި މުބާރާތުގެ ހަތަރު ވަނަ ދުވަހުގެ މެޗުގައި ބައްދަލުކުރާނީ ޓީމް ވިޔަޒޯރާއި ކަދުރު އެސްސީއެވެ.
ކުނަހަންދޫ ކުރިކެޓް ކާނިވަލުގައި ޖުމްލަ 7 ޓީމަކުންދަނީ ވާދަކުރަމުންނެވެ. އެއީ ކުނަހަންދޫ ބޯއިޒް، ކުނަހަންދޫ ގާރލްސް، ކުރުނބާ އެސްސީ، ކަދުރު އެސްސީ، ވިޔަޒޯރު، ޓެން ސްޓާރ އަދި ޓީމް ޑީއެކްސްއެވެ. މުބާރާތުގެ ކުޅުން އަންނަ މަހުގެ 17 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.