އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ޕޮލިސް ކުލަބުން ބޮޑު މޮޅަކާ އެކު މުބާރާތް ފަށިފިއެވެ. މުބާރާތުގައި ގުރޫޕް ބީގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ފުލުހުން ކާމިޔާބު ކުރީ 7-0 ލަނޑުންނެވެ.
މުޅި މެޗު ފުލުހުން ޑޮމިނޭޓް ކޮއްގެން ކުޅުނުއިރު ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ބުރަށް ފޮނުވާލެވިފަ އެއް ނުވެއެވެ.
މެޗުގައި ފުލުހުންގެ ޓީމުން ކާމިޔާބުކުރި 7 ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބު ކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ޝަހުބާން އެވެ. ޕޮލިސް ކުލަބަށް އަނެއް ދެ ލަނޑު ޖަހައިދިނީ އަހުމަދު ޝާން އާއި ނިޝާދު އަލީއެވެ.
މި މޮޅާއެކު ޕޮލިސް ޓީމުން ގުރޫޕުގެ ދެވަނައަށް ކުރިއަށް ޖެހިއިރު މި ގުރޫޕުން އެއްވަނައިގަ އޮތީ ކުޅުނު ދެ މެޗުން ހޯދި 6 ޕޮއިންޓާއެކު ހުޅުމާލެ ވެޓެރެންސް ކުލަބެވެ. ބުރު ތިންވަނައިގަ އޮތީ 1 ޕޮއިންޓާއެކުވެ.