ކުޅިވަރު

ކުނަހަންދޫ ކުރިކެޓް ކާނިވާ: ދެވަނަ ދުވަސް ކުނަހަންދޫ ބޯއިޒް އަދި ކަދުރު އެފްސީއަށް


  • ފޯރިގަދަ ކުނަހަންދޫ ކުރިކެޓް ކާނިވަލުގެ ހަތް ޓީމަކުން ވާދަކުރޭ

  • މިކާނިވާ ކުރިއަށްދާނީ މިމަހުގެ 23 އިން އަންނަ މަހުގެ 15 އަށް

  • މިމުބާރާތުގައި އަންހެން ޓީމަކުންވެސް އަންނަނީ ވާދަކުރަމުން

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ ދެވަނަ ދުވަހުގެ މެޗުތައް ކުނަހަންދޫ ބޯއިޒް އަދި ކަދުރު އެފްސީއިން ކާމިޔާބުކޮށްފިއެވެ.

މުޅިއަކު 7 ޓީމުން ވާދަކުރާ މިމުބާރާތުގެ ދެވަނު ދުވަހުގެ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުން ކުނަހަންދޫ ބޯއިޒް މޮޅުވެފަވަނީ ޓީމް ޓެން ސްޓާޒްއާއި ވާދަކޮށްގެންނެވެ. މިމެޗުގެ ގުރު ދިމާވެގެން ޓީމް ޓެން ސްޓާޒްއިން ގަސްދުކުރީ ހޮވަން އަރާށެވެ. ކުނަހަންދޫ ބޯއިޒް ކުޅެން އަރާ 8 އޯވަރު 2 ވިކެޓަށް ހެދިފައިވަނީ 115 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 41 ލަނޑު ހެދި ލޫޠު އަބޫބަކުރުއެވެ. އަދި އިދިކޮޅުން ނުކުތް ޓެން ސްޓާޒްއިން އެންމެ އެންމެ ރަނގަޅަށް އުކާފަވަނީ ކައިލް ބިން މުހަންމަދު ނަޖީބުއެވެ.

ޖަވާބުގައި ޓެން ސްޓާޒްއިން ކުޅެން އަރާ 7 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 91 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި އަހްޔާން ޢަބްދުﷲ އެވެ. ކުނަހަންދޫ ބޯއިޒް ޓީމުން އެންމެ ރަނގަޅަށް އުކީ 22 ލަނޑަށް 2 ވިކެޓް ނެގި ލޫޠު އަބޫބަކުރުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް އޭނާއެވެ.

ލ. ކުނަހަންދޫ ކުރިކެޓް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ދެވަނަ ދުވަހުގެ ދެވަނަ މެޗުގައި ވާދަކޮށްފަވަނީ ކުރުނބާ އެސްސީ އަދި ކަދުރު އެސްސީއެވެ.

މިމެޗުގެ ގުރު ލިބިގެން ކަދުރު އެފްސީއިން ގަސްދުކުރީ ހޮވަންއަރާށެވެ. ކުރުނބާ އެސްސީއިން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 5 ވިކެޓަށް ހެދުނީ 95 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި އަހުމަދު ޖިނާންއެވެ.

ޖަވާބުގައި ކަދުރު އެފްސީއިން ކުޅެން އަރާ ، 7 އޯވަރު 3 ބޯޅައިން 99 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ލަނޑު ހެދި މުހަންމަދު ޢަބްދުއްލަޠީފްއެވެ. ކުރުނބާ އެސްސީއިން އެންމެ ރަނގަޅަށް އުކާފައިވަނީ 36 ލަނޑަށް 2 ވިކެޓް ނެގި، މުހަންމަދު ސުޖާޢުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ ކަދުރު އެފްސީގެ މުހަންމަދު ޢަބްދުއްލަޠީފްއެވެ.

ކުނަހަންދޫގައި ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ ތިންވަނަ ދުވަހު ކުޅޭގޮތަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. އެމެޗުގައި ވާދަކުރާނީ ޑީއެކްސްއާއި ކުނަހަންދޫ ގާލްޒް ޓީމެވެ.

މިމުބާރާތުގައި ވާދަކުރަމުންދަނީ އެންމެ އަންހެން ޓީމެކެވެ. ފިރިހެން ޓީމުތަކާއި ދެކޮޅަށް ކުނަހަންދޫ ގާލްޒް ވާދަކުރަމުންދާއިރު، އޭގެ ބޭނުމަކީ ދާދި އަވަހަށް ފަށާ ބައިނަލްއަގްވާމީ ކުރިކެޓް މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރުމަށްދާ ގައުމީ އަންހެން ޓީމުގެ ސްކޮޑަށް ކުޅުންތެރިން ހޮވުމެވެ. އަދި މިފަދަ މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު އަންހެން ޓީމަށް ލިބުމުން އެކުޅުންތެރިންނަށް މެޗު ތަޖުރިބާތަކެއް ލިބި، ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ލ. އަތޮޅު ކްރިކެޓް ޑިވެލޮޕްމަންޓް ކޯޗު ލިރުގާމް ސައީދު ވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާރުދެމުން ބުނެފައެވެ.

ކުނަހަންދޫގައި ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 23 އިން އަންނަމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިކެޓުގެ ފޯރި ގަދަ ކުނަހަންދޫއަކީ ވަކި އުމުރެއްނެތި ދެ ޖިންސުން ކުރިކެޓުގައި ހަރަކާތްތެރިވަމުން އަންނަ ރަށެއްކަން ފާހަގަވެއެވެ. އޭގެ އިތުރުން އެރަށަކީ މިވަގުތު އޮތް، ގައުމީ އަންހެން ކުރިކެޓް ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ނިސްބަތްވާ ރަށްވެސްމެއެވެ.