އީރާނުގެ ނިއުކްލިޔަރ މަޝްރޫޢާ ގުޅޭގޮތުން އެ ޤައުމާއި އެމެރިކާއާ ދެމެދު ޤާއިމުކުރާނެ އެއްބަސްވުމުގެ އޮނިގަނޑު އެކުލަވައިލެވިދާނެ ކަމަށާއި، އެ ގޮތަށް ކަންތައްތައް ކުރިއަށް ގެންދެވޭނީ ނިއުކްލިޔަރ އާއި ނިއުކްލިޔަރއާ ގުޅުމެއް ނެތް މައްސަލަތައް އެމެރިކާއިން ވަކިކުރާ ނަމަ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނާއި އެމެރިކާއާ މެދު، އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން ކުރަމުންދާ ނުސީދާ މަޝްވަރާތަކުގެ ތިންވަނަ ބުރުގެ ބައްދަލުވުމެއް ފެބްރުއަރީ މަހުގެ 26ވަނަ ދުވަހު ސްވިޒަލެންޑުގެ ޖެނީވާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ޢުމާނުން ވިލަރެސް ކުރި އެ ބައްދަލުވުމުގައި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީއާއި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ ޚާއްޞަ މުޝީރުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖާރެޑް ކުޝްނާ ބައިވެރިވެވަޑައިގެންފައިވެއެވެ. އެ ބައްދަލުވުން ބާއްވާފައި ވަނީ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެއްބަސްވުމަކާ ހަމައަށް ނާދެވޭ ނަމަ އީރާނަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
މަޝްވަރާތަކުގައި އެމެރިކާއިން ޝަރުތުކުރަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އެއްކޮށް ހުއްޓައިލުމަށެވެ. އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމަކީ އެ ޤައުމުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާ ގާތަށް އެޅޭ ފިޔަވަޅެކެވެ. އީރާނުން ވަނީ އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެއްބަސްވުމަކާ ހަމައަށް އާދެވިދާނެ ކަމަށް އިޝާރާތްކޮށްފައެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ބޭނުން ނުވާ ކަމަށާއި، ޔުރޭނިއަމް މުއްސަނދި ކުރުމަށް އެ ޤައުމަށް ލިބިފައިވާ ހައްޤު ބަލައިގަތުމަށް އެދޭ ކަމަށް އީރާނުން ދަނީ ތަކުރާރުކޮށް ބުަނަމުންނެވެ.
ނިއުކްލިޔަރ މަޝްރޫޢުގެ އިތުރުން އީރާނުގެ ބެލިސްޓިކް މިސައިލް މަޝްރޫޢު ކުޑަކުރުމަށް ނުވަތަ ހުއްޓައިލުމަށް ވެސް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. އަދި އީރާނާއި ސަރަޙައްދީ ޖަމާޢަތްތަކާއި އީރާނާ ދެމެދު އޮންނަ ގުޅުން ކަނޑުވައިލުމަށް ވެސް އެމެރިކާއިން ބޭނުންވެއެވެ. ނަމަވެސް މިއީ އީރާނުން އެއްވެސް ޙާލަތެއްގައި ބަލައިނުގަންނާނެ ޝަރުތުތަކެއް ކަމަށް އެ ޤައުމުން އަބަދުވެސް ދަނީ ބުނަމުންނެވެ. އަދި މިއީ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅުމެއް ނެތް މައްސަލަތަކެއް ކަމަށް އީރާނުން ފާހަގަކުރެއެވެ.
ޢުމާންގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދްރު އަލްބުސައިދީ ވިދާޅުވީ އެންމެ ފަހުގެ ބައްދަލުވުމުގައި ދެ ފަރާތުން ވެސް ތަފާތު އަދި އުންމީދީ ހުށަހެޅުންތައް ހުށަހަޅާފައިވާ ކަަމަށެވެ. އޭނާ ވިދާޅުވީ މަޝްވަރާތަކުގައި ކުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށަވެެ.
އީރާނުގެ އޮފިޝަލުން އެންމެ ފަހުގެ މަޝްވަރާތައް ސިފަކުރަނީ ވަރަށް ސީރިއަސް އަދި މުހިންމު މަޝްވަރާތަކެއްގެ ގޮތުގައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢިލް ބަޣާއީ ވިދާޅުވީ މަޝްވަރާތަކުގައި ދެކެވެން ޖެހޭނީ ހަމައެކަނި ނިއުކްލިޔަރ މަޝްރޫޢުއާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ވާހަކަތައް ކަމަށެވެ. އީރާނުން މަޝްވަރާތަކާ ކުރިމަތިލަނީ ސީރިއަސްކަމާ އެކުގައި ކަމަށާއި، ދޫދެވެން ހުރި ދާއިރާއަކުން ދޫދިނުމުގެ ނިޔަތާ ވެސް އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަޝްވަރާތަކަުގައި ނިއުކްލިޔަރ މަޝްރޫޢުއާ ގުޅުމެއް ނެތް ކަންކަން ހިމަނާ ނަމަ ކުރިއެރުން ނުލިބުން އެކަށީގެންވާ ކަމަށް އީރާނުން ބުނެއެވެ.
ނަމަވެސް އެމެރިކާގެ ދިފާޢީ ވަޒީރު، މާކޯ ރޫބިޔޯ ވަނީ މިސައިލް ޕްރޮގްރާމާ ބެހޭ މަޝްވަރާތަކަކީ ކޮންމެހެން ކުރަންޖެހޭ މަޝްވަރާއެއް ކަމަށް ވިދާޅުވެފައެވެ. އެއީ އެމެރިކާއަށާއި ސަރަޙައްދީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރޫބިޔޯ ވަނީ ސިފަކުރައްވައިފައެވެ. އެ ކަމަާ ގުޅޭ ގޮތުން އީރާނުން މަޝްވަރާކުރަން ދެކޮޅު ހެދުމަކީ ބޮޑު ގޯހެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.