ފާއިތުވި އަހަރުގެ ތެރޭގައި ރެކޯޑު ޢަދަދަކަށް ނޫސްވެރިންނާއި މީޑިޔާ ދާއިރާގައި މަސައްކަތްކުރާ މީހުން މަރާލާފައިވާ ކަމަށް، ނޫސްވެރިންނަށް ދޭ ޙަމަލާތައް ބަލަހައްޓައި މިނިވަން ޖަމްޢިއްޔާއެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)އިން ބުނެފިއެވެ.
އެ ޖަމްޢިއްޔާިން ބުނީ މިދިޔަ އަހަރުގެ ތެރޭގައި 129 ނޫސްވެރިންނާއި މީޑިޔާ މަސައްކަތްތެރިން އެކި ސަރަޙައްުދުތަކުގައި މަރާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިންބައި ކުޅަ ދެބައި މީހުން ޝަހީދުކޮށްލާފައި ވަނީ ޔަހޫދީން ކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.
މިއީ ނޫސްވެރިން މަރާލާފައިވާ ޢަދަދު ރެކޯޑު ޢަދަދަކަށް ވިދިވިދިގެން އިތުރުވި ދެވަނަ އަހަރެވެ. އަދި މަރުވި މީހުންގެ ތިން ބައި ކުޅަ ދެ ބައި މީހުންގެ މަރަށް ޔަހޫދީން ޒިންމާވާ ވެސް ވިދިވިދިގެން ދެވަނަ އަހަރެވެ.
2025ވަަނަ އަހަރުގެ ތެރޭގައި ޔަހޫދީންގެ ޙަމަލާތަކުގައި 86 ނޫސްވެރިން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ފަލަސްޠީނުގެ ޣައްޒާގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނަށް ނިސްބަތްވާ ނޫސްވެރިންނެވެ. އޭގެ އިތުރުން ޔަމަނުގެ ޙޫޘީ މީޑިޔާ ސެންޓަރަކަށް ޔަހޫދީން ދިން ޙަމަލާއެއްގައި ޝަހީދުވި 31 މަސައްކަތްތެރިން ވެސް ހިމެނެއެވެ. މީޑިޔާ ސެންޓަރަށް ދީފައިވާ އެ ޙަމަލާއަކީ ސީޕީޖޭއިން މިހާތަނަށް ރެކޯޑުކޮށްފައިވާ އެންމެ ލޭއޮހޮރުވުން ގިނަ ޙަމަލާއެވެ.
އޭގެ އިތުރުން ގަސްތުގައި އަމާޒުކޮށްގެން ދުރާލާ ރާވައިގެން 47 ނޫސްވެރިން މަރާލާފައިވާ ކަމަށް ސީޕީޖޭއިން ޤަބޫލުކުރެއެވެ. އޭގެ ތެރެއިން 81 އިންސައްތަ ނޫސްވެރިން މަރާލާފައި ވަނީ ޔަހޫދީންނެވެ. އެ ޖަމްޢިއްޔާއިން ބުނީ ޔަހުދީން ޝަހީދުކޮށްލާފައިބާ ނޫސްވެރިންގެ ހަޤީޤީ ޢަދަދުތައް މިހާރު ލަފާކޮށްފައިވާ މިންވަރަށް ވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ ޣައްޒާގައި ހިންގާފައިވާ ޖަރީމާތައް ކަށަވަރުކުރުމުގައި ގޮންޖެހުންތަކެއް ހުރުން ކަމުގައި އެ ޖަމްއިއްޔާއިން ބުނެއެވެ. ބޭރު ޤައުމުތަކަށް ނިސްބަތްވާ ނޫސްވެރިން ޣައްޒާއަށް ވަނުމަަށް ޔަހޫދީން ފުުރުޞަތު ނުދޭތީ، ޣައްޒާގައި ޝަހީދުކޮށްލާފައިވާ ހުރިހާ ނުސްވެރިންނަކީ ވެސް ފަލަސްޠީނުގެ ރައްޔިތުންނެވެ.
މީގެ 30 އަހަރު ކުރިން ފެށިގެން މަރާލާފައިވާ ނޫސްވެރިންނާ ގުޅޭ މަޢުލޫމާތު އެއްކުރަމުންދާ ސީޕީޖޭއިން އިތުރަށް ބުނީ މީގެ ކުރިން އެއްވެސް ސަރުކާރެއްގެ އަސްކަރިއްޔާއިން ޤަތުލް ނުކުރާ ވަރަށް ޔަހޫދީ އަސްކަރިއްޔާއިން ސީދާ ނޫސްވެރިންނަށް އަމާޒުކޮށް ޙަމަލާ ދީ ޝަހީދުކޮށްފައިވާ ކަމަށެވެ.
ސީޕީޖޭއިން ބުނީ މިދިޔަ އަހަރު ޤަތުލްކޮށްލާފައިވާ 129 ނޫސްވެރިންގެ ތެރެއިން 104 ނޫސްވެރިންނަކީ ކޮންމެވެސް ހަމަނުޖެހުމެއްގެ ތެރޭގައި މަރުވެފައިވާ ނޫސްވެރިން ކަމަށެވެ. ޣައްޒާއާއި ޔަމަނަށް ފަހު ދެން އެންމެ ގިނަ ޢަަދަދަކަށް ނޫސްވެރިން މަރާލާފައި ވަނީ ސޫދާންއާއި މެކްސިކޯއާއި ޔޫކްރެއިންއާއި ފިލިޕީންސްގައެވެ. ސޫދާނުގައި ނުވަ ނޫސްވެރިން މަރުވެފައިވާއިރު، މެކްސިކޯގައި ހަ ނޫސްވެރިން މަރުވެފައިވެއެވެ. އޭގެ އިތުރުން ޔޫކްރެއިންގައި ހަތަރު ނޫސްްވެރިންނާއި ފިލިޕީންސްގައި ތިން ނޫސްވެރިން މަރުވެފައިވެއެވެ.
މިދިޔަ އަހަރު ނޫސްވެރިންނަށް އަމާޒުކޮށް ޔަހޫދީން ދީފައިވާ ޙަމަލާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޙަމަލާއަކީ ފަލަސްޠީނުގެ ނޫސްވެރިއެއް ކަމަށްވާ ހުސާމް އަލް-މަސްރީ ޝަހީދުވި ޙަަމަލާއެވެ. ޔަހޫދީން އެ ޙަމަލާ ދީފައި ވަނީ ޣައްޒާގެ އަލްނާޞިރު ހަސްފަތާލުގެ ލައިވް ފީޑެއް ޖައްސާފައި ވަނިކޮށެވެ. އެ ޙަމަލާގައި އަލް-މަސްރީގެ އިތުރުން ހަތަަރު ނޫސްވެރިން ޝަހީދުވެފައިވެއެވެ.