ޚަބަރު

"ދުންފުހުގެ އަސަރުކުރާތީ ބައިނަލްއަޤްވާމީގޮތުން ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން"


  • ދުންފުހުގެ ސަބަބުން ފަތުރުވެރިވެރިކަމަށް ބަރޯސާވެފައިވާ އިޤްތިޞާދަށް އަސަރުކުރޭ

  • މައުލޫމާތު ބަދަލުކުރުމާއި މަޝްވަރާކޮށްގެން ހައްލުހޯދަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

މޫސޫމީ ދުންފުހުގެ އަސަރު ކުޑަކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމާށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސަރަހައްދަށް މިދުވަސްވަރު ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުން ދެއެވެ. މިކަމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވީ މޫސުމީ ދުންފުހުގެ ސަބަބުން އާންމު ސިއްހަތަށާއި، ތިމާވެއްޓަށާއި، އިޤްތިޞާދީ ދެމެހެއްޓެނިވިކަމަށް އޭގެ އަސަރުކުރާ ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް ގައުމީ ފެންވަރުގައި ދިވެހި ސަރުކާރުން އިސްކަންދޭކަމަށް ޚާރިޖީ ވުޒާރާގައި ބަޔާނުގައި ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ދުންފުހުގެ ހާލަތާއި ގުޅިގެން އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަކަމަށެވެ. އަދި ބޯޑަރު ހުރަސްކޮށް މެދުނުކެނޑި އަންނަ ނުސާފުވައިގެ ސަބަބުން އާންމު ސިއްހަތަށާއި، މުޖުތަމައުގެ ދުޅަހެޔޮކަމަށާއި، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސާދަށް ނުރައްކާވާކަން ސަރުކާރުން ބަލައިގަންނަ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ދުންފުހުގެ މިހާލަތަކީ ދެކުނު އޭޝިއާ ސަރަހައްދު ވައިގެ ހާލަތު ހުރިގޮތުން ދިމާވާ މައްސަލައެއްކަން ފާހަގަކޮށް ޚާރިޖީ ވުޒާރައިން މިއީ ޤައުމުތަކުން ޖައްވަށް ތަޣައްޔަރުވެފައިވާ މާއްދާތައް ވައިގެ ތެރޭގައި ދައުރުވުމުގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށެވެ. އެވުޒާރާއިން ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން، ޖަޒީރާ ކުދި ރައްތަކެއްގައި އާބާދީ ތޮއްޖެހިފައި އޮތުމުގެ ސަބަބުން، ބޯޑަރުން ބޭރުން ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކަށް ރާއްޖެއަކީ ނާޒުކު ގައުމެއް ކަމަށެވެ.

އެހެންކަމުން ބޯޑަރު ހުރަސްކޮށް އަންނަ ނުސާފު ވައިގެ މައްސަލައަށް ހައްލެއް ހޯދުމަށް، ސައިންޓިފިކް އެއްބާރުލުން ދިނުމާއި، މައުލޫމާތު ބަދަލުކުރުމާއި، މެދުނުކެނޑި މަޝްވަރާކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލައިގެ އަސަރުތައް ކުޑަކުރުމަށާއި، ވައިގެ ސާފުކަން ދަމަހައްޓާ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ބޭނުންވާ ދިގު މުއްދަތުގެ ހައްލުތައް ހޯދުމަށް، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވުޒާރާއިން ވަނީ ދެއްވާފައެވެ.

ޚަރިޖީ ވުޒާރާގެ ބަޔާން ނިންމާލާފައިވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން އިސްކަންދޭނެ ކަމަށް ވިދާޅުވަމުންނެވެ.

މޫސުމީ ގޮތުން އާންމުކޮށްވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރެއެވެ. ނަމަވެސް މިފަހަރު ދުންފުހުގެ އަސަރު ދިގުދެމިގެން ގޮސްފައިވާއިރު،މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ޢިލްތިމާސްކުރައްވާފައެވެ. އެގޮތުން ވައި ނުސާފުވާ ދުވަސްވަރު މާސްކު އެޅުމަށާއި، ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.