ޚަބަރު

ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ޗައިނާއިން އެހީތެރިވަނީ


ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާ ސަފީރު ވަންގ ފުކަން ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ހޯމް މިނިސްޓަރ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭގެ ރައީސް އަޒްލީން އަޙްމަދާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، ހޯމް މިނިސްޓަރ އަޒްލީން ވަނީ ލާމަރުކަޒީ ނިޒާމަށް ޢާއްމުންނާއި ކައުންސިލަކުން ހޭލުންތެރިކުރުމަށް އެލް.ޖީ.އޭއިން ކުރާ މަސައްކަތްތައް، ޗައިނާ ސަފީރާއި ޙިއްޞާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާގައި ލާމަރުކަޒީ ނިޒާމް ހިންގަމުން އަންނަ ގޮތް ދެނެގަތުމަށް ރާއްޖެއަށް ފުރުޞަތު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރ އަޒްލީން އަޙްމަދު ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުމާއި، ޢުމްރާނީގޮތުންނާއި، އިޤްތިޞާދީގޮތުން ޗައިނާއިން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.