ޚަބަރު

ކަނޑަށް ތެޔޮ އެޅުމުގެ ހާދިސާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި


ކަނޑަށް ތެޔޮއެޅުމުގެ ޙާދިސާތަކާގުޅޭ ރާއްޖޭގެ ޤައުމީ ސަލާމަތީ ބާރާއި އެމެރިކާގެ ޕެސިފިކް ކޮމާންޑް ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ. 

މިއީ އެއްދުވަހުގެ މަޝްވަރާ ބައްދަލުވުމެކެވެ. ''ނޭޝަނަލް އޮއިލް އެންޑް ހެޒާޑަސް ސަބްސްޓެންސް ޕޮލިއުޝަން ކޮންޓިންޖެންސީ'' ގެ ނަމުގައި ބޭއްވި އެއްދުވަހުގެ މި ބައްދަލުވުން ބޭއްވެވީ ކޯސްޓްގާރޑު ކޮންފަރެންސް ހޯލުގައެވެ. ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއި އިދާރާތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކުރައްވައެވެ.

img:http://s3.psmnews.mv/images/660x400/14742889148019.jpg|ކަނޑަށް ތެޔޮ އެޅުމުގެ ހާދިސާތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މި ބައްދަލުވުމަކީ، އެމެރިކާގެ އަސްކަރިއްޔާއާއި އެމްއެންޑީއެފް އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިވަޑައިގެން ތައްޔާރުކުރައްވާފައިވާ ''ނޭޝަނަލް އޮއިލް އެންޑް ހެޒާޑަސް ސަބްސްޓެންސް ޕޮލިއުޝަން ކޮންޓިންޖެންސީ'' ނުވަތަ ކަނޑަށް އެޅޭ ނުރައްކާތެރި ތެލާއި އެފަދަ އާލާތްތަކުގެ ސަބަބުން، ތިމާވެށި ތަޣައްޔަރުވުން ކުޑަކުރުމުގެ ގޮތުން އެކުލަވާލައްވާ ބަދީލީ ރޭވުން ނުވަތަ ކޮންޓިންޖެންސީ ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.

img:http://s1.psmnews.mv/images/660x400/14742889282381.jpg|ކަނޑަށް ތެޔޮ އެޅުމުގެ ހާދިސާތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ބައްދަލުވުމުގެ މަޝްވަރާތަކުގެ ތަފްޞީލް ޤައުމީ ސަލާމަތީ ބާރުން ހާމަކުރައްވާފައެއް ނުވެއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ޔޫއެސް ޕެސިފިކް ކޮމާންޑް ގުޅިވަޑައިގެން ބޭއްވެވި މި މަޝްވަރާ ބައްދަލުވުން ނިންމެވުމުގެ ރަސްމިއްޔާތުގައި ބައްދަލުވުމުގެ ބައިވެރިންނަށް ހަނދާނީލިޔުން ދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝާހިދުއެވެ.