ޚަބަރު

ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ރާއްޖެ އަތުވެއްޖެ


މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދިޔަ ޙައްޖުވެރިންގެ 2 ވަނަ ގުރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދިޔަ ޙައްޖުވެރިންގެ 2 ވަނަ ގުރޫޕް ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރު 14:55 ގައެވެ. 2 ވަނަ ގްރޫޕުގައި 316 ޙައްޖާޖީން މާލެއައެވެ. ޙައްޖު ކޯރޕަރޭޝަންގެ އިތުރުން، އަލް ޙަރްމައިން ގްރޫޕްގެ ހަވާލުގައި ޙައްޖަ ދިޔަ މީހުންވެސް މިއަދު މެންދުރުފަހު 15:00 ވަނީ ރާއްޖެއައިސްފައެވެ. 

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މިއަހަރު ރާއްޖެއިން މައްކާއަށް ދިޔަ ހައްޖުވެރިން ދަތުރު ނިންމާލުމަށްފަހު ރާއްޖެ އަންނަ ފަށާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މިއަހަރު ރާއްޖެއިން ޖުމްލަ 2،000 މީހުން ޙައްޖަށް ގޮސްފައިވެއެވެ. މީގެތެރެއިން 1،000 މީހުން ޙައްޖަށް ދިޔައީ، ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައެވެ. ބާކީ 1000 މީހުން ދިޔައީ އަމިއްލަ 5 ޖަމާޢަތެއްގެ ޙަވާލުގައެވެ.

ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ޙައްޖަށްދިޔަ މީހުންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އަންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ދިވެހި ޙައްޖާޖީންނަށް ފަސޭހަކަމާއެކު މުދާ ކްލިއަރ ކުރޭވެނެ އިންތިޒާމް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ހަމަޖައްސަވާފައެވެ.