ޚަބަރު

މަސްތުވާތަކެތީގެ ބޮޑެއް މަރާލުމާއެކު، މެކްސިކޯގައި ހަމަނުޖެހުން


މެކްސިކޯގެ ސަލާމަތާ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުމެއްގައި، މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއްކަމަށްވާ، "އެލް މެންޗޯ" މަރާލުމާ ގުޅިގެން، އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައިފިއެވެ.

މެކްސިކޯގެ ސަލާމަތީ ބާރުތަކުން ބުނީ، ޖަލަސްކޯ ސްޓޭޓުގައި ސިފައިންނާ ދެމެދު ބަޑީގެ ޙަމަލާތައް ބަދަލުކުރުމުގެ ތެރޭގައި، މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ، ނެމެސިއޯ ރޫބެން އޮސެގުއެރާ ސެރްވާންޓޭސް "އެލް މެންޗޯ" ޒަޚަމްވެގެން، މެކްސިކޯ ސިޓީއަށް ގެންދިޔުމުގެ މަގުމަތީގައި މަރުވެފައިވާ ކަމަށެވެ.

އޭނާ އުޅޭނޫޅޭ ތަނެއްގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 15 މިލިޔަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އެމެރިކާއިން އޮތީ އިޢުލާނުކޮށްފައެވެ.

އޭނާގެ މަރާ ގުޅިގެން، ހަތިޔާރު އެޅި ބަޔަކު ޖަލިސްކޯގެ އިތުރުން، ކޮލިމާ، މިކޮއާކަން، ނަޔާރިޓް، ގުއަނަޖުއާޓޯ، އަދި ތަމާލިޕާސް ސްޓޭޓުތަކުގައި އުޅަނދުތަކުގައި ހުޅުޖަހައި، އިމާރާތްތަކަށް ގެއްލުންދީ، ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން، ގިނަ ސްޓޭޓުތަކުގައި ޢާންމު ދަތުރުފަތުރަށް ބުރޫއަރައި، ސްކޫލްތައް ބަންދުކޮށް، ޢާންމުން ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

މެކްސިކޯގެ ރައީސް ކްލޯޑިއާ ޝައިންބައުމް ވަނީ ސަލާމަތީ ބާރުތަކަށް މަރުޙަބާ ވިދާޅުވެ، ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ގޮވާލައްވައިފައެވެ.

އުމުރުން 59 އަހަރުގެ އޮސެގުއެރާ އަކީ، ހޮއަކީން "އެލް ޗާޕޯ" ގުޒްމަން އާއި އިސްމާއީލް ޒަމްބާޑާއަށްފަހު، މެކްސިކޯގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކާޓެލްގެ ބޮޑެވެ.

ގުޒްމަން އާއި ޒަމްބާޑާ ހައްޔަރުކޮށް، އެމެރިކާގެ ޖަލެއްގައި ވަނީ ބަންދުކޮށްފައެވެ.

ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ހިންގަމުންދާ އޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ ހަތިޔާރާއި އޮސެގުއެރާގެ ކާޓެލްއަށް ނިސްބަތްވާ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.