ޚަބަރު

ޑެންމާކުގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި


ޑެންމާކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ނޮން-ރެޒިޑެންޓް ސަފީރު މިސްޓަރ ޕީޓަރ ޓަކްސަ-ޖެންސެން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޑެންމާކްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑެންމާކްގެ ފަރާތުން ކުދި ޖަޒީރާ ޤައުމުތަކަށް، ޚާއްޞަކޮށް ރާއްޖޭގެ ތަރައްޤީއަށް، އަބަދުވެސް ވެދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14742750351110.jpg|ޑެންމާކުގެ އައު ސަފީރާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑެންމާކް ސަރުކާރުން އިސްނަގައިގެން ހިންގާ ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން ކާބަން ފްރީ އެނަރޖީ ސޮލިއުޝަނެއް ރާއްޖެއަށް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ޑެންމާކްގެ ސަފީރާ މަޝްވަރާކުރައްވާފައެވެ.

ޑެންމާކްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން، ދެންނެވި ހޫނު މަރްޙަބާ ޤަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވެ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި ޑެންމާކާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާކަމުގައި ވިދާޅުވިއެވެ.