ބޯފެނާއި ލުއި ބުއިންތައް ހުސްކުރި "ޕެޓް" ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ދެވަނަ ފަހަރަށް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން އަންގައިފިއެވެ. އެމްއެފްޑީއޭއިން މިގޮތަށް އަންގާފައި މިވަނީ ބާޒާރުގައި ބައެއް ވިޔަފާރިކުރާ ފަރާތްތަކުން އެފަދަ ފުޅީގައި ތަކެތި ބަންދުކޮށް ވިއްކަމުންދާކަން އެއޮތޯރިޓީއަށް ފާހަގަވުމާއި ގުޅިގެންނެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން އެއޮތޯރިޓީއަށް ފާހަގަކުރެވިފައިވާކަމަށެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ ފެނާއި ލުއިބުއިންތައް ބަންދުކޮށްފައި ހުންނަ ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާގޮތަށް ތައްޔާރުކޮށްފައިވާ ފުޅިތަކެއްކަމަށެވެ. އެގޮތުން ވަކިވައްތަރެއްގެ ޕްލާސްޓިކެއްކަމުގައިވާ ޕޮލިއެތިލީން ޓެރަތަޔަލޭޓް ނުވަތަ ޕެޓްއިން ތައްޔާރުކޮށްފައިވާ ފުޅިތަކެއްކަމަށާއި އެއްފަހަރަށްވުރެ ގިނައިން މިބާވަތުގެ ޕްލާސްޓިކް ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.
— MFDA (@MFDA_mv) February 22, 2026
އެހެންނަމަވެސް ބާޒާރުގައި އެކި ބާވަތްތަކުގެ ބުއިންތައް މިފުޅީގައި ބަންދުކުރާކަން ފާހަގަކުރެވިފައިވާކަމަށާއި އޭގެ ސަބަބުން ފުޅީގައި ހިމެނޭ ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށްކޮށް، އޭގެ ޒަރިއްޔާއިން އިންސާނުންގެ ސިއްޙަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތްކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. އެހެންކަމުން ބޯފެނާއި ލުއި ބުއިން ބަންދުކޮށްފައި ހުންނަ ފުޅި ހުސްވުމުން، އެފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްފައި ނުވިއްކުމަށް ވިޔަފާރިކުރާ ފަރާތްތަކަށްވަނީ އަންގާފައެވެ.
އެމްއެފްޑީއޭއިން މިފަދައިން ވިދާޅުވެފައިވާއިރު ބާޒާރުން ކުރުނބާ ފަނި ވިއްކުމުގައާއި އަދި ގޭބިސީތަކުގައި ފަނި އެޅުމަށްވެސް މިފަދަ ފުޅިތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ.