ތަޢުލީމު

އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ 45 ސްކޫލެއް ރިވިއުކޮށްފި


ރާއްޖޭގެ ސުކޫލްތަކަކީ ވަޞީލަތްހަމަ މަޤުބޫލު ސުކޫލްތަކަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ 45 ސްކޫލެއް ރިވިއުކުރައްވައި ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މިއީ، ރާއްޖޭގެ ކޮންމެ ސްކޫލަކީ ޤާބިލު މުވައްޒަފުން ތިބި، ވަޞީލަތްތައް ހަމަ، މާލީގޮތުން ފުދުންތެރި އަދި އުގެނުމަށް މަގުފަހި، އުފާވެރި މާޙައުލެއް ލިބިގެންވާ ސްކޫލަކަށް ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ޙާޞިލްކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ހުރިނެތްގޮތް ބެއްލެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށްޓަވާފައިވާ މަސައްކަތެކެވެ.

އެ މިނިސްޓްރީން ވިދާޅުވިގޮތުގައި ރާއްޖޭގެ ސުކޫލްތަކުގެ ޙާލަތު ވަޒަންކުރެއްވުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދެއެވެ. އެގޮތުން މިއަހަރު މިހާތަނަށް 45 ސުކޫލެއް ރިވިއުކުރައްވައި ނިންމާފައިވާއިރު، މި މަހުގެ ނިޔަލަށް 56 ސުކޫލެއް ރިވިއުކުރެވޭނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ސުކޫލްތައް ރިވިއުކުރުމުގައި ސްކޫލުގެ އުނގެނުމާއި، އުނގަންނައިދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި، ސްކޫލުގެ ހިންގުންތެރިކަމާއި ސްކޫލަށް ލިބިފައިވާ ވަޞީލަތްތައް ބޭނުންކުރަމުންދާ ގޮތް، އަދި ސްކޫލާއި ސްކޫލު ޙިއްޞާވާ ފަރާތްތަކުގެ މެދުގައި އޮތް ގުޅުމުގެ މައްޗައް ބައްލަވައި ސުކޫލުގެ ޙާލަތު ވަޒަން ކުރެވޭނެއެވެ. މިކަމަށްޓަކައި ސްކޫލުގެ އުނގެނުމާއި އުނގަންނައިދިނުން ކުރިއަށް ގެންދެވޭގޮތާއި، ސްކޫލުގެ ލިޔެކިޔުންތައް ބަލައި ދިރާސާކުރުމާއި ސުކޫލް ޙިއްޞާވާ ފަރާތްތަކާ ބައްދަލުކުރައްވައި މަޢުލޫމާތު ހޯއްދަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަޢުލޫމާތުގެ އަލީގައި ސުކޫލުގެ ޙާލަތު ވަޒަންކުރައްވައި، އިޞްލާޙްކުރަންޖެހޭ ކަންތައް ފާހަގަކުރައްވައި، ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ސުކޫލްތަކަކީ ވަޞީލަތް ހަމަ، މަޤުބޫލު ސުކޫލްތަކަކަށް ހެއްދެވުމަށްޓަކައި، މަދުވެގެން ކޮންމެ 3 އަހަރަކުން އެއްފަހަރު ރާއްޖޭގައި ހިންގާ ކޮންމެ ސުކޫލެއް ރިވިއުކުރައްވައި، ސުކޫލުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރެއްވުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒެކެވެ.