ޚަބަރު

ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ޗައިނާއިން ފޯރުކޮށްދެނީ


ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ފުކަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހޯމް މިނިސްޓަރ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭގެ ރައީސް އަޒްލީން އަހުމަދާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، ހޯމް މިނިސްޓަރ އަޒްލީން ވަނީ ލާމަރުކަޒީ ނިޒާމަށް އާއްމުންނާއި ކައުންސިލަކުން ހޭލުންތެރިކުރުމަށް އެލް.ޖީ.އޭއިން ކުރަމުންދާ މަސައްކަތްތައް، ޗައިނާ ސަފީރާއި ހިއްސާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާގައި ލާމަރުކަޒީ ނިޒާމް ހިންގަމުން އަންނަ ގޮތް ދެނެގަތުމަށް ރާއްޖެއަށް ފުރުޞަތު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަޒްލީން އަހުމަދު ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުމާއި، އުމްރާނީގޮތުންނާއި، އިޤްތިޞާދީގޮތުން ޗައިނާއިން ރާއްޖެއަށް ވެދެއްވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.