ޚަބަރު

އެމެރިކާގެ ފިއްތުންތަކާއި ނުރައްކަލުން އީރާން ދިފާޢުކުރުމުގައި ޚާމާނާއީ


ދާޚިލީ ހަމަނުޖެހުންތަކާއި ބޭރުގެ ފިއްތުންތަކުން އީރާނު ސަލާމަތް ކުރުމުގައި އެތައް ކާމިޔާބީއެއް މީގެކުރިން ހޯއްދަވާފައިވާ އީރާނުގެ ރޫޙާނީ ވެރިޔާ ޢާޔަތުﷲ އަލް ޚާމަނާއީއަށް އަނެއްކާވެސް މިވަނީ އެމެރިކާގެ ފިއްތުންތަކާއި ބިރު ދެެއްކުމުގެ ޢަމަލުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

އެމެރިކާ ހިމެނޭގޮތަށް ހުޅަނގު ބޮޑެތި ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އީރާނުގެ އިޤްތިޞާދު ނިކަމެތިވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން، މިދިޔަ މަހުގެ ތެރޭގައި ޢާންމުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާތަކުގައި ހިންގި ވަރުގަދަ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގެ ތެރޭގައި އެތަކެއް ހާސް މީހުން ވަނީ މަރުވެފައެވެ. އެތެރޭގެ ހަމަނުޖެހުންތައް އީރާނުގެ އެކި ސަރަޙައްދުތަކަށް ފެތުރިފައިވަނީ، މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީންގެ ނިރުބަވެރު ދަޢުލަތާ ބައިއަތު ހިފައިގެން އެމެރިކާއިން ދިން ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވަނިކޮށެވެ.

ޢުމުރުފުޅުން 86 އަހަރުގެ ޚާމަނާއީއަށް އަނެއްކާވެސް މިވަނީ، އެމެރިކާގެ އިތުރު ޙަމަލާތަކަކުން އީރާނު ސަލާމަތް ކުރުމަށް ޙިކުމަތާއި ދުރުވިސްނުންފުޅު ނެރުއްވަން މަޖުބޫރުވެވަޑައިގެންފައެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު އެންމެފަހުން ކުރި މަޝްވަރާތަކަށް މާބޮޑުކުރިއެރުމެއް ނުލިބި ނިންމާލަންޖެހިފައިވާއިރު، އެމެރިކާއިން ވަނީ ޢަރަބި ކަނޑަށް އަސްކަރީ މަނަވަރުތައް ޖަމާކޮށް، އީރާނަށް ޙަމަލާދޭން ތައްޔާރުވެފައެވެ. ނިއުކްލިޔަރ ޕްރޮގްރާމަށް ދޫދޭން އީރާނުން ތައްޔާރަށް އޮތް ނަމަވެސް، ބެލިސްޓިކް މިސައިލް ޕްރޮގްރާމް ވެސް ހުއްޓައިލަން އެމެރިކާއިން ކުރިމަތިކުރުވާ ޝަރުތައް އެއްބަސްވާން އީރާނުން ދަނީ ދެކޮޅު ހަދަމުންނެވެ.

ޚާމަނާއީ ޤަބޫލުފުޅު ކުރައްވާ ގޮތުގައި، އެ މިސައިލް ޕްރޮގްރާމަކީ، ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އީރާނަށް ޙަމަލާދިނުން ހުއްޓުވުމުގެ ހަމައެކަނި ދިފާޢެވެ. އެއާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުން އެއްބަސްވުމަކާ ހަމައަށްދާން ދެކޮޅު ހަދާނަމަ، އީރާނަށް ޙަމަލާދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ. އެމެރިކާއިން ޙަމަލާ ދިނުން ހުއްޓުވަން އީރާނުގެ އަސްކަރިއްޔާއިން ވެސް ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން، ރަޝިޔާ އާ ގުޅިގެން އޮމާނު ކަނޑުގައި ކަނޑުގެ ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

މީގެއިތުރުން، އީރާނުގެ އަސްކަރިއްޔާއިން ދަނީ ހުރްމުޒް ސްޓްރެއިޓްގައި ގައި އަސްކަރީ ތަމްރީން ޙަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އީރާނުން ވަނީ އެ ޤައުމާ ދެކޮޅަށް ޙަމަލާއެއް ދީފި ނަމަ ހުރްމުޒް ސްޓްރެއިޓް ބަންދުކުރާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ. އީރާނުން އެ ގޮތަށް ޢަމަލުކޮށްފި ނަމަ ޤައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ދަތިވެ ސާފުނުކުރާ ތެލުގެ އަގު ބޮޑުތަނުން އުފުލިގެން ދާނެއެވެ.

އީރާނުގެ ރޫޙާނީ ވެރިޔާގެ މަޤާމު ފާއިތުވި 36 އަހަރު އަދާކުރައްވަމުން ގެންދަވާ ޚާމަނާއީގެ ބާރު އީރާނުގެ އަސްކަރިއްޔާ އާއި ސަރުކާރު އަދި ޖުޑީޝަރީގައި އަދިވެސް އޮތީ ވަރުގަދަކޮށެވެ. އެހެންކަމުން، އެމެރިކާއިން އީރާނަށް ކުރިމަތިވެފައިވާ މި އައު ނުރައްކަލުން އީރާނު ސަލާމަތް ކުރުމަށް ދިފާޢުއެއް ރުކުރުވާލުމުގެ އިސް ދަޢުރެއް ޚާމަނާއީ އަދާކުރައްވާނެކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.