ޚަބަރު

ތަޢުލީމީ ނިޒާމުގެ ތެރެއިން މާދަރީބަހަށް ލޯބިޖެއްސުން މުހިންމު


  • މާދަރީބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަސް

  • ދިވެހި ބަހަށްޓަކައި ކުރެވެން އޮތް އެންމެ ބޮޑު ޚިދުމަތަކީ ސާފު ދިވެހި ބަހުން ވާހަކަދެއްކުން

ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ މާދަރީބަހުގެ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަން އދ.ން ނިންމީ 1999 ވަނަ އަަރުއެވެ. މި އަހަރަކީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރަން ފެށިތާ 26 ވަނަ އަހަރެވެ.

ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރަނީ، މާދަރީބަހުގެ މުހިންމުކަމާއި ބޭނުންތެރިކަން އަންގައިދީ ހޭލުންތެރިކަން އުފެއްދުމަށެވެ. އަދި އެބައެއްގެ މާދަރީބަސް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ބޭނުމުގައެވެ.

މާދަރީބަހުގެ ދުވަހެއް ފާހަގަކުރަންޖެހޭ ގިނަ ސަބަބުތަކެއްވެއެވެ. އެބައެއްގެ އާދަކާދައާއި ސަޤާފަތް ގުޅިލާމެހެނީ އެބައެއްގެ ބަހާއެވެ. ޔުނެސްކޯއިން ވިދާޅުވާގޮތުގައި، ބައެއްގެ އާދަކާދައާއި ސަޤާފަތް އަންނަން ހުރި ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމުގައި، އެބައެއްގެ މާދަރީ ބަސް މުހިންމު ދައުރެއް އަދާކުރެއެވެ.

މާދަރީބަހުގެ ދުވަސް ފާހަގަކުރަމުންދާއިރު، މިއަދު ވިސްނާލަންޖެހޭ މުހިންމު އެއް ކަމަކީ މާދަރީބަސްތަކަށް އަންނަމުންދާ ހީނަރުކަމެވެ. ހަމައެކަނި ރާއްޖެއަށް ބަލާލިކަމުގައިވިޔަސް މިކަން ދޭހަވެއެވެ. އަނެކުންނާ ވާހަކަދައްކާއިރު ބޭނުންކުރާ އިނގިރޭސި ބަސްތައް ދިވެހި ބަސްތަކަށްވުރެ ގިނައެވެ. މިއީ މިއަދު ވަކި ޢުމުރުފުރަޔަކަށް ނުވަތަ ވަކި ޖިންސަކަށް އޮތް ކަމެއްނޫންކަމީ ޤަބޫލުކުރަންޖެހޭ ހަގީގަތެކެވެ.

ޒަމާނުއްސުރެ ދިވެހީން ވާހަކަދައްކާ އަދި އެބަހަކަށްޓަކައި ދިވެހިން ފަޚުރުވެރިވާ ދިވެހި ބަހުގެ ކަންކަން މިއަދު ހިނގާގޮތް ހިއްސާކުރައްވަމުން ދިވެހިބަހުގެ އުސްތާޒް އަޝްރަފް ޢަލީ ވިދާޅުވީ, މިއަދު ދިވެހި ބަހަށްޓަކައި ކުރެވެން އޮތް އެންމެ ބޮޑު ޚިދުމަތަކީ ސާފު ދިވެހި ބަހުން ވާހަކަދެއްކުން ކަމަށެވެ.

"ދިވެހި ބަހައްޓަކައި މިއަދު ކުރެވެން އޮތް އެންމެ ބޮޑު ޚިދުމަތަކީ ހަމަ އެންމެ ބޮޑު ޚިދުމަތަކީ ސާފު ދިވެހި ބަހުން ވާހަކަދެއްކުން. ކުށްނުލާ ވާހަކަދެއްކުން. މައްސުނި ނުކޮށް ވާހަކަދެއްކުން". އަޝްރަފް ޢަލީ ވިދާޅުވިއެވެ.

ތަޢުލީމީ ނިޒާމުގެ ތެރެއިން މާދަރީބަހަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މުހިންމުކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ދަރިވަރުންނަށް ދިވެހި ބަސް ދަސްކޮށްދިނުމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހިބަހުގެ މުދައްރިސް މުޙައްމަދު އަސްރާރު ވަނީ، ދަރިވަރުންގެ ހިތްތަކުގައި ބަހަށް އޮންނަ ލޯބި އިތުރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

" ދަރިވަރުންގެ ހިތްތަކުގައި ބަހަށް އޮންނަ ލޯބި އިތުރުކުރުން ނުވަތަ ދަރިވަރުން ބަހަށް ޝައުޤުވެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް. އެއްކަމަކީ ދަރިވަރުން ސްކޫލް ދައުރު ނިންމުމަށްފަހު މި ނިކުންނަނީ މުޖުތަމަޢުގެ ތެރެއަށް. މުޖުތަމަޢުގަ ދަރިވަރުން ހަރަކާތްތެރިވާއިރު ދަރިވަރުން އެހެން މީހުންނާ މުޢާމަލާތުކުރަންޖެހޭ". މުޙައްމަދު އަސްރާރު ވިދާޅުވިއެވެ.

ދިވެހިންނަކީ އަމިއްލަވަންތަ މުއްސަނދި ބަހެއް ލިބިފައިވާ ބައެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ މީހުން ވާހަކަދައްކާ ބަހުރުވަތަކަށް ބަލައިލިޔަސް މިކަން ދޭހަވެއެވެ. ޚާއްސަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުންނަކީ ވަރަށް ތަފާތު ބަހުރުވަތަކުން ވާހަކަދައްކާ ބައެކެވެ.

ދިވެހިންގެ މާދަރީބަސްކަމުގައިވާ ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ މުއްސަނދި ބަހެކެވެ. މީގެ އެތައް ހާސް އަހަރެއް ކުރިން މި ރާއްޖޭގައި އުޅުނު މީހުން ވާހަކަދައްކަމުން އައި ބަހެވެ. ހަމައެކަނި މި ބަހަށް ޚާއްސަ އަކުރުތަކަކާއި އަޑުތަކެއްވެއެވެ. ދިވެހި ބިމާއި ކަނޑާއި ފަޅުތައް އެންމެ ރީތިކޮށް ސިފަކޮށްދެވޭނީ މި ބަހުންނެވެ. ދިވެހިންގެ އުޅުންތަކާއި ސަގާފަތާއި އާދަކާދަ އެންމެ ރީތިކޮށް ބަޔާންކޮށްދެވޭނީވެސް ދިވެހިބަހުންނެވެ.

އަޅުގަނޑުމެންގެ ފަރިތަބަހަކަށް ދިވެހިބަސް ހަދަން ޖެހެއެވެ. މާދަރީ ބަހެއް ލިބުމުގެ ނިޢުމަތުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ އޭރުންނެވެ. މި ތަރިކަ އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދެވޭނީވެސް މިގޮތަށް ޢަމަލުތައް ބައްޓަންކުރުމުންނެވެ.