ޚަބަރު

ޗައިނާއަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރަން 13 ފަރާތެއް ރަޖިސްޓްރީކޮށްފި


  • މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ 1 ޖަނަވަރީ 2025 ގައި

  • އެކްސްޕޯޓާއި ރީ-އެކްސްޕޯޓްގެ ދާއިރާ ފުޅާވާނެ

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖެއިން އަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ ފުރަތަމަ އެއްބަސްވުމެވެ. އެއްބަސްވުމަށް އަމަލުކުރަން ފެށިތާ 1 އަހަރުވީއިރު މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކަކަށް މަގު ފަހިވި އާންމު ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދިޔަ އެއްބަސްވުމަކަށް ވަނީ ވެގެންގޮސްފައެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. ނަމަވެސް މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މިވެރިކަމުގައެވެ.

މިއެއްބަސްވުމަކީ ދިވެހި ވިޔަފާރިވެރިންނަށާއި، އެކްސްޕޯޓަރުންނަށާއި، އަދި ޚާއްސަކޮށް އާންމުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ އެއްބަސްވުމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ކޮންސަލްޓެންޓް ޝުހާދު އިބްރާހިމް ވިދާޅުވީ، މިހާރު ރާއްޖޭގެ ގިނަ ބަޔަކު ޗައިނާއަށް މުދާ އެކްސްޕޯޓްކުރުމަށް އެޤައުމުގައި ރަޖިސްޓްރީކޮށްގެން އެމަސައްކަތް ކުރަމުން އަންނަކަމަށެވެ. މި އެއްބަސްވުމާއެކު މަސްވެރިކަމުގެ ސިނާޢަތަށް އަދި އުފެއްދުންތެރިންނަށްވެސް ގިނަ ފުރުސަތުތައް ފަހިވެގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާއަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށްޓަކައި، ދިވެހިރާއްޖޭގެ 13 ފަރާތެއް ޗައިނާގެ "ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް" ގައި ރަޖިސްޓްރީކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއިން 13 ފަރާތެއްވެސް ޗައިނާއަށް އޮފިޝިއަލް އެކްސްޕޯޓްކުރާ ރަޖިސްޓްރީގައި މިއިންނަ ޕްރޮސެސްގެ ތެރެއިން މިހާރު ވަނީ ރަޖިސްޓަރވެސް ކުރެވިފައި. އެހެންވީމަ ރާއްޖޭގައި މި ބާނާ މަސް ހަމައެކަނި ރޯމެޓީރިއަލްގެ ގޮތުގައި ލޯވެލިއުގައި ބޭރުކުރުމުގެ ބަދަލުގައި ޕްރޮސެސްކޮށްގެން ވެލިއު އެޑްކޮށްގެން އިތުރު އާމްދަނީއަކާއި މަންފާއެއް ލިބޭނެ އިތުރު މަގެއް ލިބިގެން މިދިޔައީ. ހަމައެކަނި މަސްވެރިކަމަކަށްވެސް ނޫން އުފެއްދުންތެރި ވަރަށް ގިނަ މަސައްކަތްތަކަކަށް ފުރުސަތު ލިބިގެން މިއައީ." ޝުހާދު ވިދާޅުވިއެވެ.

ޗައިނާއަކީ ދުނިޔޭގެ އުފެއްދުންތެރިކަމުގެ މައި އެއް މަރުކަޒެވެ. ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރެއެވެ. ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ގެންނަ މުދަލުގެ އަގުހެޔޮވެ ރައްޔިތުންނަށް މުދާ އަގުހެޔޮކޮށް ލިބޭނެއެވެ. މިއީ މި އެއްބަސްވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފައިދާއެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއިއެކު އެކްސްޕޯޓާއި ރީ-އެކްސްޕޯޓްގެ ދާއިރާ ފުޅާވާނެއެވެ. ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކާއި އެހެނިހެން މުދާ ރާއްޖޭގައި ޕްރޮސެސްކޮށް، އެކްސްޕޯޓްކުރުމަށްވެސް މަގުފަހިވާނެއެވެ. މީގެ ސަބަބުން އައު ވިޔަފާރިތައް އުފަންވެ، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވޭނެއެވެ.

މި އެއްބަސްވުމާއިއެކު ޗައިނާގެ އައު އިންވެސްޓްމަންޓްތައް ރާއްޖެއަށް އައުމުން، އަދި އިންވެސްޓްމަންޓްތައް އިތުރުވުމުން އިޤްތިޞާދު ކުރިއަރައި އޭގެ ފައިދާ ހުރިހާ ދިވެހި ރައްޔިތުންނަށް ކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.