ވިޔަފާރި

އަންނަމަހުގެ ކުރީކޮޅު ސައިކަލް ޓެކްސީގެ ޚިދުމަތް ފަށަނީ


އަންނަމަހުގެ ކުރީކޮޅު ސައިކަލް ޓެކްސީގެ ޚިދުމަތް ފެށޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ސައިކަލް ޓެކްސީގެ ޚިދުމަތް ފަށާނީ ސައިކަލް ޓެކްސީއާ ގުޅޭ ޤަވާޢިދު ގެޒެޓްކުރެއްވުމަށްފަހު، އެކަމަށް ބޭނުންވާ ހުއްދަ އެ ޚިދުމަތްދޭން ހޮވާފައިވާ ފަރާތްތަކަށް ދޫކުރެއްވުމަށްފަހުގައި ކަމަށާއި، ސައިކަލް ޓެކްސީގެ ޤަވާޢިދާ ގުޅޭގޮތުން އެޓާރނީ ޖެނެރަލްގެ އޮފީހުން ހޯއްދަވަންޖެހޭ ލަފާވެސް ހޯއްދަވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް ހޮއްވަވާފައިވަނީ ރައިޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވީލް އެމްވީ ޕްރައިވެޓް ލިމިޓެޑެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރ އަޙްމަދު އައިމަން ޝަރީފް ވިދާޅުވީ ސައިކަލް ޓެކްސީގެ ޚިދުމަތް ދެއްވަން ނިންމަވާފައިވަނީ ދަތުރަކަށް 10 ރުފިޔާގެ ރޭޓުން ކަމަށާއި އަގު ކަނޑައަޅުއްވާފައިވަނީ ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. ޚިދުމަތް ފެށުމުން، ލިބޭ ތަރުޙީބަކަށް ބެއްލެވުމަށްފަހު، އިތުރު ފަރާތްތަކަށް އެ ޚިދުމަތް ދިނުމުގެ ފުރުޞަތު ހުޅުއްވާލައްވާނެ ކަމަށްވެސް އައިމަން ވިދާޅުވިއެވެ.

ސައިކަލް ޓެކްސީގެ ޚިދުމަތް މުޅި ރާއްޖޭގައިވެސް ފެއްޓެވުމަށް ނިންމަވާފައިވާއިރު ރާއްޖޭގައި ސައިކަލް ޓެކްސީ ކުރާ ފަރާތްތަކުން ތިބޭނީ ވަކި ޖެކެޓެއްލައި އެއީ ޑްރައިވަރުންކަން އެނގޭނެ ގޮތަށެވެ. އަދި ސައިކަލްގައިވެސް އެއީ ސައިކަލް ޓެކްސީއެއްކަން އެގޭނެ ފަދަ ސްޓިކާއެއް ހަރުކުރެވިފައި ހުންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ސައިކަލަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ، އެއްގަމު ދަތުރުފަތުރުގެ ވަޞީލަތަށް ވުމާއި، މާލެއަކީ މަގުތަކުގެ ޖާގައިގެ ދަތިކަން އޮތް ކާރުބާރުބޮޑު ތަނަކަށްވާތީ މި ޚިދުމަތަކީ މިހާރު ހުރި ސައިކަލުތަކުގެ ބޭނުން ހިފަން ލިބޭ ފުރުޞަތެއްގޮތުގައި އެމިނިސްޓްރީއިން ދެކެވަޑައިގަންނަވައެވެ.

މިޚިދުމަތް ދިނުމަށް ލައިސަންސް ދެއްވުމުގައި އިކޮނިމިކް މިނިސްޓްރީން އިސްކަން ދެއްވާފައިވަނީ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ޢާއްމުންނަށް އެންމެ ފަސޭހަކަމާއެކު، ރައްކާތެރި ގޮތަކަށް ޚިދުމަތް ދިނުމަށް ހުށަހަޅައިފައިވާ ފަރާތްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.