އެމެރިކާއިން އީރާނަށް އަލުން ޙަމަލާތަކެއް ދީފި ނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމުގައި ވިދާޅުވެ، ރަޝިޔާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފް އިންޒާރު ދެއްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ އަލް-ޢަރަބިއްޔާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ. ލެވްރޮފް ވިދާޅުވީ، ސުލްޙަވެރިކަމާ އެކު ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމެއް ކުރިއަށް ގެންދިޔުމުގެ ޙައްޤު އީރާނަށް ހޯދައިދިނުމުގެ ގޮތުން ކެތްތެރިކަމާ އެކު ޙައްލެއް ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމުގައެވެ.
އީރާނުގެ ޙައްޤުތަކަށް ތާޢީދު ކުރައްވައި ލެވްރޮފް ވާހަކަފުޅު ދައްކަވާފައި މި ވަނީ، އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ބޭނުމަކީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުވުމެވެ. މި ވަގުތު ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބާއްވަމުން ދަނީ ސްވިޓްޒަލެންޑްގެ ޖެނީވާގައެވެ. އީރާނަށް ބިރު ދެއްކުމަށް ވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އެމެރިކާއިން ވަނީ އީރާން ކައިރިއަށް ފޮނުވާފައެވެ.
ބަސްދީގަތުމުގައި ލެވްރޮފް ވަނީ ހުސްވި އަހަރު އެމެރިކާއިން އީރާނަށް ދީފައިވާ ޙަމަލާތަކަށް އަލިއަޅުއްވައިލައްވާފައެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ޙަމަލާ ދީފައި ވަނީ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)ގެ ބެލުމުގެ ދަށުގައި ހުރި މަރުކަޒުތަކަކަށް ކަމުގައެވެ. އަދި، އެ ޙަމަލާތަކާ ގުޅިގެން ނުރައްކާތެރި ނިއުކްލިޔަރ ހާދިސާއެއް ހިނގުމުގެ ނުރައްކާ އޮތް ކަމުގައެވެ.
"އަޅުގަނޑު މި ދަނީ ޢަރަބި ޤައުމުތަކާއި ގަލްފުގެ ރަސްކަންތަކުން މި ކަމާ މެދު އަމަލު ކުރަމުންދާ ގޮތްތައް ވަރަށް ގާތުން ބަލަމުން،" ލެވްރޮފް ވިދާޅުވިއެވެ. "އިތުރު ނުތަނަވަސްކަމެއް އުފެދޭކަށް އެއްވެސް ފަރާތަކުން ނޭދޭ. މިއީ އަލިފާނާ ކުޅުން ކަހަލަ ކަމެއްކަން އެންމެންނަށް ވެސް އެނގޭ." މީގެ އިތުރުން، މަސްރަޙް ހޫނުވުމުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއާއި އީރާން ފަދަ ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވުމުގެ ނުރައްކާ އޮތް ކަމުގައި ވެސް ލެވްރޮފް ވިދާޅުވިއެވެ.
ޖެނީވާގައި ކުރިއަށްދާ މަޝްވަރާތަކާ ގުޅޭ ގޮތުން އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ، މަސްރަޙް ފިނިކުރެވޭނެ ގޮތްތަކަކީ ކޮބައިކަމާ މެދު އީރާނުން ދެކޭ ގޮތް ލިޔުމުން ހުށަހެޅުމަށް އެ ޤައުމުން ތައްޔާރުވަމުންދާ ކަމުގައެވެ. ދެ ފަރާތުގެ ދެމެދުގައި ނުރަސްމީ މަޝްވަރާތައް ކުރަމުން ދިޔަ ނަމަވެސް، އިރާނަށް ބިރުދެއްކެވުމުގެ އަމަލުތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްޓައިލައްވާފައެއް ނުވެއެވެ. ފެބުރުވަރީ 18ވަނަ ދުވަހު ވައިޓް ހައުސްގައި ބޭއްވި އެ ޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރުންގެ ބައްދަލުވުމެއްގައި، އީރާން ކައިރިއަށް ބިޔަ އަދި ބާރުގަދަ ލަޝްކަރެއް ޖަމާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް މާރިޗު މަހުގެ މެދުތެރޭގައި ނިންމުމަށް ވަނީ ނިންމާފައެވެ.
ލެވްރޮފް ވިދާޅުވީ، ޢަރަބި ޤައުމުތަކުން އެމެރިކާއަށް ދެމުންދާ މެސެޖަކީ، ކެތްތެރިކަން އިސްކުރުން ކަމުގައެވެ. އަދި، އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމަކީ އެ ޤައުމުގެ ޤާނޫނީ ޙައްޤަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ސުލްޙަވެރި ބޭނުންތަކަށް ހިންގާ ޕުރޮގުރާމެއް ކަން ކަށަވަރު ކުރެވޭނެ ފަދަ އެއްބަސްވުމެއް އެކުލަވައިލުމަށް އިސްކަންދިނުމަށް ކަމުގައެވެ. އީރާންގެ ވެރިންނާއި ރަޝިޔާއާ ދެމެދު ޤަވާޢިދުން މަޝްވަރާ ކުރަމުންދާ ކަން ފާހަގަކުރައްވައި ލެވްރޮފް ވިދާޅުވީ މި މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް އީރާނުން އިޚްލާސްތެރިކަމާ އެކު ބޭނުންވާ ކަމުގައެވެ.