ވިޔަފާރި

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ނޯޓް 7 ބޭނުންކުރުން މަނާކޮށްފި


މޯލްޑިވިއަންގެ ފްލައިޓްތަކުގައި ސެމްސަންގް ގެލެކްސީ ނޯޓު 7ގެ ފޯނުތައް ބޭނުންކުރުން މަނާކޮށްފިއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބުދުލް ހާރިސް ވިދާޅުވީ ފްލައިޓްމަތީގައި ސެމްސަންގް ގެލެކްސީ ނޯޓް 7 ފޯނުތައް ބޭނުންނުކުރުމާއި، ފޯނު ޗާޖުކުރުންވެސް މަނާކޮށްފައިވާ ކަމަށާއި، ލަގޭޖްގެ ގޮތުގައި ދޫކޮށްލާ އެއްޗަކަށްވެސް އެ ފޯނުލުން މަނާކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އަތުގައި ގެންގުޅޭ ދަބަހުގައި ފޯނު ނިންވާލައިގެން ދަތުރުކުރެވިދާނެކަމަށް ހާރިސް ވިދާޅުވިއެވެ.

tw:https://twitter.com/MaldivianAero/status/777470341295640577

ސެމްސަންގް ގެލެކްސީ ނޯޓް 7 ފޯނުތައް މޯލްޑިވިއަންގެ ފްލައިޓުތަކުގައި ބޭނުންކުރުން މަނާކޮށްފައި މިވަނީ އެ ފޯނުގެ ބެޓެރީގައި އަލިފާންރޯވުމުގެ މައްސަލަތަކެއް ކުރިމަތިވަމުންދާތީ ކަމަށާއި އަދި އެގޮތަށް ޢަމަލުކުރުމަށް ނިންމީ އެމެރިކާގެ ވައިގެ އުދުހުންތަކާބެހޭ މައި އިދާރާ، ފެޑްރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުންވެސް އެގޮތަށް އަންގާފައިވާތީކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިސް ވިދާޅުވިއެވެ.

އެމެރިކާގެ ވައިގެ އުދުހުންތަކާބެހޭ މައި އިދާރާއިން ބުނެފައިވަނީ ފޯނުތަކުގެ ބެޓެރީގައި ހިފާ އަލިފާނަކީ ފްލައިޓް މަތީގައި ކޮންޓްރޯލްކޮށް ނިއްވާލަން އުނދަގޫ އެއްޗެއްކަމަށާއި އެ ސަބަބަށްޓަކައި ސެމްސަންގް ގެލެކްސީ ނޯޓް 7 ފޯނުތައް ފްލައިޓްތަކުގައި ބޭނުންކުރުން ރައްކާތެރި ނޫންކަމަށެވެ.

މޯލްޑިވިއަންގެ އިތުރުން، ދުނިޔޭގެ މަޝްރޫޢު އެއަރލައިންތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޯރ އެއަރލައިން، ކުއަންޓަސް އެއަރލައިންއާއި ވަރޖިން އޮސްޓްރޭލިއާއިންވެސް ވަނީ ދަތުރުމަތީގައި އެއްގޮތަކަށްވެސް ފޯނު ނުހުޅުވުމަށާއި، ފޯނު ޗާޖްނުކުރުމަށް ވަނީ ދަތުރުވެރިންނަށް އަންގާފައެވެ.