ބައިނަލްއަގުވާމީ އެކި ޤައުމުތަކާ ގުޅިގެން އިންޑިޔާއިން ބާއްވާ ކަނޑުގެ އަސްކަރީ އެންމެ ބޮޑު އެއް ހަރަކާތް ފަށައިފިއެވެ.
3 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތްތައް ފަށާފައިވަނީ އިންޓަނޭޝަނަލް ފްލީޓް ރިވިއުއާއެކުގައެވެ. މި ހަރަކާތް ފައްޓަވައި ދެއްވީ އިންޑިޔާގެ ރައީސް ދްރޫޕަތީ މުރުމޫއެވެ.
އިންޓަރނޭޝަނަލް ފްލީޓް ރިވިއުއަކީ ކަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިންޑިޔާގެ ކަނޑުގެ އަސްކަރިއްޔާގެ އުޅަނދުތަކާއި އެކުވެރި ޤައުމުތަކުގެ ނޭވީ އަދި ކޯސްޓްގާޑް އުޅަނދުތައް ތައްޔާރަށް ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން 19 ޤައުމަކުން ވަނީ އެ ޤައުމުތަކުގެ ކަނޑުގެ އަސްކަރީ އުޅަނދުތައް ދައްކާލާފައެވެ.
އިންޑިއާގައި ބޭއްވި 3ވަނަ އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ރާއްޖޭންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން, ދިވެހިރާއްޖޭގެ އެމްއެންޑީއެފްގެ އުޅަނދު ހުރަވީން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ. ހުރަވީއަކީ ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އުޅަނދެކެވެ.
ރާއްޖޭން އަންނަނީ އިންޑިއާއިން ބާއްވާ މިފަދަ އަސްކަރީ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވަމުންނެވެ. އެގޮތުން, މާދަމާ ފެށުމަށް ހަމަޖެހިފައިވާ "މިލަން" އެކްސަސައިޒްގައިވެސް ރާއްޖޭން ބައިވެރިވާނެއެވެ. މި ހަރަކާތަކީ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ހަރަކާތެކެވެ.
މި ހަރަކާތުގެ އިތުރުން އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް "އައޯންސް" ގައިވެސް ރާއްޖޭން ބައިވެރިވާނެއެވެ. މި ހަރަކާތަކީ ޤައުމުތައް ގުޅިގެން ކަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
މިއަހަރުގެ ނޭވީ ހަރަކާތަކީ އިންޑިއާގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މި ހަރަކާތުގައި އެކި ޤައުމުތަކުން 70 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.