ދުނިޔެ

އެމެރިކާގައި ބާރުގަދަ އެއްޗެއް ގޮއްވާލައި 29 މީހުން ޒަޚަމްވެއްޖެ


އެމެރިކާގެ މެންހެޓަންގެ ޗެލްސީ ސަރަޙައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން 29 މީހުން ޒަޚަމްވެއްޖެއެވެ.

ނިއުޔޯކް ސިޓީގެ ފަޔަރ ޑިޕާޓްމަންޓުން ބުނިގޮތުގައި މިޙާދިސާ ހިނގީ މެންހެޓަންގެ 23 ސްޓްރީޓްގެ 6 އަދި 7 އެވެނިއުއާ ދެމެދު ނިއުޔޯކް ގަޑިން ރޭ 8:30 ކަންހާއިރުއެވެ.

މިޙާދިސާގައި ޒަޚަމްވި އެއްވެސް މީހެއްގެ ޙާލު ސީރިއަސް ނޫންކަމަށް ރަސްމީ ރިޕޯޓްތައް ބުނެއެވެ. މި ޙާދިސާ ހިނގި ސަރަޙައްދު ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ބަންދުކޮށް، ތަޙްޤީޤުގެ މަސައްކަތް ފަށާފައެވެ.

މި ޙާދިސާ ހިނގުމާ ގުޅިގެން ނޫސްވެރިންނާއި ބައްދަލްކުރައްވައި ވާހަކަ ދައްކަވަމުން ނިއުޔޯކް ސިޓީގެ މޭޔަރ ބިލް ޑި ބްރލާސިއޯ ވިދާޅުވީ މިހާތަނަށް ހޯދުނު ހޯދުންތަކުގެ އަލީގައި މިއީ ގަސްތުގައި ދީފައިވާ ޙަމަލާއެއްކަން އެނގިފައިވާކަމަށެވެ. ނަމަވެސް މި ޙަމަލާއަކީ ޓެރަރިޒަމާ ގުޅުން ހުރި ޙަމަލާއެއް ކަމަށް އަދި މިހާތަނަށް ކަށަވަރުވެފައި ނުވާކަމަށެވެ.

ނިއުޔޯކްގެ ކަމާބެހޭ ފަރާތްތަކުން ބުނީ މިޙަމަލާ ތަހުޤީޤުކުރަނީ ކްރިމިނަލް މައްސަލައެއްގެ ގޮތުގައި ކަމަށާއި، ޓެރަރިޒަމާ ގުޅުން ހުރި ހެއްކެއް އަދި ލިބިފައި ނުވާކަމަށެވެ. ނަމަވެސް ޙަމަލާދިން ސަރަޙައްދު ފާސްކުރުމުގެ ތެރޭގައި ގޮއްވާލާފަދަ އިތުރު އެއްޗެއް ފެނިފައިވާ ކަމަށް ނިއުޔޯކްގެ ފުލުހުން ބުނެއެވެ. މި ސަރަޙައްދުން ފެނިފައިވަނީ ވަޔަރުތަކެއް ގުޅާފައި ހުރި ޕްރެޝާ ކުކަރެއް ކަމަށް ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ ސީ.އެން.އެން.އިން ރިޕޯޓްކޮށްފައިވެއެވެ.