ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް)އިން ކުރިއަށް ގެންދިޔަ ބޭސިކް ފުޓްސަލް ރެފްރީސް ކޯސް 37 ބައިވެރިއަކު ކާމިޔާބުކަމާއިއެކު ފުރިހަމަކޮށްފިއެވެ.
މި ކޯހަކީ އެފްއޭއެމް ގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މިކޯހުގެ ބައިވެރިން ތަމްރީނު ކޮށްފައިވަނީ އެފްއޭއެމްގެ އިންސްޓްރަކްޓަރުންކަމަށްވާ މުހައްމަދު އަނީލް، އިސްމާޢީލް އަޒްހާން، އަޙުމަދު އަމީޒް އަދި އަހުމަދު ޝިފާނެވެ. މިއީ ތިއަރީ އާއި ޕްރެކްޓިކަލް ބައި ހިމަނައިގެން ކުރިއަށް ގެންގޮސްފައިވާ ކޯހަކަށްވާއިރު، މި ކޯސް ނިންމައި، ސެޓްފިކްޓް ހާސިލްކުރި ފަރާތްތަކަށް ފުޓްސަލް މެޗުތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާފައެވެ.
މިކޯހާއި ގުޅޭގޮތުން ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމް ޕީއެސްއެމް ނިއުސްއަށް މައުލޫތުދެއްވަމުން ވިދާޅުވީ މިކޯހަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. 40 ބައިވެރިންނަށް ފުރުސަތު ހުޅުވާލުމުން 150 އަށްވުރެ ގިނަ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރިކަމަށާއި، ކޯހަށް ބައިވެރިން ހޮވާފައިވަނީ އެކަމަށް ކުރިއަށް ދިޔަ ސްކްރީނީންއަށްފަހު ކަމަށެވެ. އަދި ޖާގަ ދެވުނު 40 ފަރާތުގެ ތެރެއިން 37 ފަރާތަކުން ކާމިޔާބުކަމާއި އެކު ކޯސް ނިންމައި ސެޓްފިކްޓް ހާސިލްކުރިކަން ޢަބްދުއްރައްޒާޤް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކުޅިވަރު ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ދާއިރާގެ ޓެކްނިކަލް މީހުން ތަމްރީނުކުރުމަށް ވަނީ ޚާއްސަ ސަމާލުކަމެއްދީފައެވެ. އެގޮތުން ގިނަ އަދަދަކަށް ދިވެހި ކޯޗުންނާއި ރެފްރީން ތަމްރީނުކުރުމަށް އެމްއެންއައިއެސްއިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އެކި ކުޅިވަރުތަކުން ދާއިރާގެ ފަންނީ މީހުންވަނީ ބިނާކޮށްފައެވެ. 2025 ވަނަ އަހަރު ނިމުނުއިރު، އެމްއެންއައިއެސްއިންވަނީ ޖުމްލަ 278 ރެފްރީން ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި 37 ފުޓުބޯޅަ ރެފްރީން، 17 ހޭންޑްބޯޅަ ރެފްރީން، 14 ކުރިކެޓް އަމްޕަޔަރުން، 50 ވޮލީ ބޯޅަ ރެފްރީން، 39 ބެޑްމިންޓަން އަމްޕަޔަރުން، 62 ފުޓްސަލް ރެފްރީން، 47 ކެރަމް އަމްޕަޔަރުން އަދި 12 ބާސްކެޓް އޮފިޝަލުން ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ ކުޅިވަރު ދާއިރާއަށް ދިވެހިން ތަމްރީނުކޮށް، ރާއްޖޭގެ މުބާރާތްތަކުގައި ދިވެހި ރެފްރީންނާއި، އަމްޕަޔަރުން، ކޯޗުން އަދި އޮފިޝަލުން ބޭނުންކުރުމެވެ. އަދި ކުޅިވަރު ދާއިރާގެ ފަންނީ މީހުން ބިނާކޮށް އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު އިތުރުކުރުމެވެ.