ކުޅިވަރު

މައިލޯ ރަމަޟާން ކުރިކެޓް ކާނިވާ ފަށާނީ ކަރުދާސް ކޭކޭ އަދި ޑީއެސްސީގެ މެޗުން


  • ރަމަޟާން ކުރިކެޓް ކާނިވާ ފެށިގެން ދާނީ އޯޕަން މުބާރާތުން

  • އޯޕަން މުބާރާތް ކުރިއަށް ދާނީ މި މަހުގެ 19އިން އަންނަ މަހުގެ 3އަށް

  • އޮފީސް ޓޭޕް ބޯލް މުބާރާތް ތާވަލުކޮށްފަައި ވަނީ އަންނަމަހުގެ 4އިން 8އަށް

މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މައިލޯ ރަމަޟާން ކުރިކެޓް ކާނިވާ ފެށުމުގެ ގޮތުން ބައްދަލުކުރާ ދެ ޓީމަކަށް ކޭކާއި ޑީއެސްސީ ހަމަޖެހިއްޖެއެވެ.

ޖުމްލަ ތިން މުބާރާތެއް ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓް ކާނިވާ ފަށާނީ ހަމައެކަނި ދިވެހިންނަށް ވާދަކުރެވޭގޮތަށް ކުރިއަށްގެންދާ އޯޕަން މުބާރާތުންނެވެ. ތޭރަ ޓީމަކުން ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ ތިން ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް، ގްރޫޕްގެ އެންމެ މޮޅު ޓީމާއި، ހުރިހާ ގްރޫޕެއް އެއްކޮށް އެންމެ މަތިން ޕޮއިންޓު ހޯދާ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާގޮތަށެވެ.

މުބާރާތުގެ ގުރު ނަގާފަވާއިރު، ގްރޫޕް އޭގައި ހިމެނެނީ ކަރުދާސް ކޭކޭ، ޑީއެސްސީ، ކިންޒާ ކެފޭ އަދި ސަންކުއިކް ލިލީއެވެ. ގްރޫޕް ބީގައި ޕޮލިސް ކުލަބާއި، ޓީއެފްޓީ، އޭވިއާ މޯލްޑިވްސް އަދި ފިނޮޅު ހިމެނޭއިރު، ގްރޫޕް ސީގައި ވާދަކުރާނީ ހަފްލާން، އޯއެފްއެފްޔޫ އެފްސީ، މެރީ ކޯނަރ ގެ އިތުރުން ނާލި އަދި މީޓިއޯރސްއެވެ.

މުބާރާތުގެ ކުޅުން ކުރިއަށްދާނީ މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ކޯޓުގައެވެ. ތޭރަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އޯޕަން މުބާރާތުގެ ކުޅުން ތާވަލުކޮށްފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު ދެ މެޗު ކުޅޭ ގޮތަށެވެ. އެގޮތުން ފުރަތަމަ މެޗު 4:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗު ތާވަލުކޮށްފަވަނީ 5:00 އަށެވެ. މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 19 އިން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

މައިލޯ ރަމަޟާން ކުރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތްކަމަށްވާ އޮފީސް ޓޭޕް ބޯލް މުބާރާތުގައި މިއަހަރު ހަ ޓީމަކުން ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މިމުބާރާތް ކުރިއަށްދާއިރު، ގްރުޕް އޭގައި ހިމެނެނީ ކަސްޓަމް އާރްސީ، ޕޮލިސް ކުލަބު އަދި މޯލްޑިވްސް އިމިގްރޭޝަންއެވެ. ގްރޫޕް ބީގައި ވާދަކުރާނީ ޑީއެސްސީ، ސްޕޯޓްސް މިނިސްޓްރީ އަދި އެމްއޯއެފްއޭއެވެ.

ފަސް ދުވަހަށް ކުރިއަށްދާ މިމުބާރާތުގެ ކުޅުން ކުރިޔަށްދާނީ މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ކޯޓުގައި ކޮންމެ ދުވަހެއްގެ ހަވީރު ދެ މެޗު ކުރިއަށްދާގޮތަށެވެ. މިމުބާރާތް ކުރިޔަށްދާނީ އަންނަމަހުގެ 4 އިން 8 ގެ ނިޔަލަށެވެ.

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ރަމަޟާން ކުރިކެޓް ކާނިވަލުގެ ފަހު މުބާރާތްކަމަށްވާ ކޮންޕެނީ ޓޭޕް ބޯލް މުބާރާތުގައި ޖުމްލަ 12 ޓީމެއް ފެންނާނެއެވެ. މިމުބާރާތް ތިން ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ ގައި ހިމެނެނީ އެލިއާ އިންވެސްޓްމެންޓާއި، ފަހި އާރްސީ، ޓީމް ސިލިންކޯ އަދި ފަތަހަ ސްޓާރއެވެ. ގްރޫޕް ބީ ގައި ރިޔާން ކުލަބާއި، ޕާރލް ލޮޖިސްޓިކްސް، އެމްއެޗްއޭ އަދި އެޕްކްސް ލޮޖިސްޓިކްސް ލައްވާލާފައިވާއިރު، ގްރޫޕް ސީގައި ހިމެނެނީ ސިޓީ އިންވެސްޓްމަންޓް، އަނާކީ، އާރްސީސީ އަދި ހިރާ ކެމިސްޓެވެ.

ކޮންޕެނީ ޓޭޕް ބޯލް މުބާރާތުގެ ކުޅުން ފެށޭނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ. ފަސް ދުވަހަށް ކުރިއަށްދާ މިމުބާތުގެ ކުޅުންވެސް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު ދެ މެޗު ކުޅޭގޮތަށެވެ. މުބާރާތުގެ ފައިނަލް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހަށެވެ.

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ކާނިވާ ފުވައްމުލަކު ސިޓީގައިވެސް ކުރިއަށްދާނެއެވެ. މުބާރާތް ފޯރި ގަދަ ކުރުމުގެ ގޮތުން "ކެޗް އެންޑް ވިން"ގެ ނަމުގައި މުބާރާތް ކުރިއަށްދާ ވަގުތު މެޗުތައް ބަލަންދާ ފަރާތްތަކަށް، ޚާއްސަ އިނާމުތަކެއް ދިނުމަށްވެސް ސީބީއެމުން ވަނީ ނިންމާފައެވެ.

މިއީ ރާއްޖޭގައި ކުރިއަށްދާ ކުރިކެޓްގެ އެންމެ ބޮޑު ހަރަކާތަށްވާއިރު، މިކާނިވަލަށް ކޮންމެ އަހަރަކުވެސް ލިބެމުން އަންނަ ތަރުހީބު ބޮޑުކަމަށް ސީބީއެމްއިން ފާހަގަކުރެއެވެ.