ޚަބަރު

އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް ރައީސް ބަންގްލަދޭޝްއަށް ވަޑައިގެންފި


  • ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު

  • އައު ބޮޑުވަޒީރާ ރައީސް ބައްދަލުކުރައްވާނެ

  • ރައީސުލްޖުމްހޫރިއްޔާ އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާދަމާ

ބަންގްލަދޭޝްގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އެ ޤައުމަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވަނީ ދާދިފަހުން އަވަހާރަވި އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން އަދި ބީއެންޕީގެ ޗެއަރމަން ޠާރިޤު ރަޙްމާނެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ރާއްޖެ ގަޑިން 09:00ގައި ފަށާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެ ތާރިޤް ރަޙްމާނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބަންގްލަދޭޝްގެ އިންތިޚާބުގެ ރަސްމީ ނަތީޖާތައް ދެއްކިގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ މަދުވެގެން 212 ގޮނޑި ކާމިޔާބުކޮށްފައެވެ. މި ދަތުރުފުޅަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 22 ސެޕްޓެމްބަރު 1978 ގައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.