ޚަބަރު

އިންޑިޔާގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


އިންޑިޔާގެ ކަޝްމީރުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ޓެރަރިސްޓުން ދިން ހަމަލާއެއްގައި 17 ސިފައިން މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޓެރަރިޒަމްގެ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، މިފަދަ ޓެރަރިސްޓު ހަމަލާތަކުގެ ސަބަބުން ޞަރަޙައްދީ އަދި ބައިނަލްޢަޤްވާމީ ހަމަޖެހުމާއި ޞުލްހަވެރިކަން ގެއްލޭކަމަށާއި، މިފަދަ ޢަމަލުތައް އެއްވެސް ވަރަކަށް ބަލައިނުގަނެވޭނެކަމުގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

އަދި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.