ޚަބަރު

ފިޠުރު ޕޯޓަލްއާ ގުޅޭ ޚާއްޞަ ތަމްރީންތަކެއް


  • މި ތަމްރީންތަކުގައި ކައުންސިލުތަކުގެ އޮފިޝަލުން ބައިވެރިވި

  • ފިޠުރު ޕޯޓަލަކީ ޒަކާތުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމުގައި ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް

ރާއްޖޭގެ ޒަކާތުގެ އިދާރީ އޮނިގަނޑު ޒަމާނީކޮށް، ޑިޖިޓަލް ގަވަރނަންސް ކުރިއެރުވުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުން، މޯލްޑިވްސް ޒަކާތު ހައުސްއިން ފިޠުރު ޕޯޓަލާ ގުޅޭ ތަމްރީނު ސެޝަނެއް ބާއްވައިފިއެވެ.

ޒަކާތު ހައުސްގެ މުވައްޒަފުންވެސް ހިމަނައިގެން ބޭއްވި މި ތަމްރީނުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށު ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކުގެ އޮފިޝަލުން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ.

މި ތަމްރީނަކީ، ކުރިއަށް އޮތް ރަމަޟާން މަހަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަމުންދާ ތައްޔާރީތަކުގެ މުހިންމު ބައެކެވެ. މީގެ މަޤްޞަދަކީ، އިދާރީ ގޮތުން ފުރިހަމައަށް ތައްޔާރުވުމާއި، ފިޠުރު ޒަކާތް ބަލައިގަތުމާއި ބެލެހެއްޓުމުގައި ޒަކާތު ހައުސްއިން މުޅި ރާއްޖޭގައި ޤާއިމުކޮށްފައިވާ ވިލަރެސް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ، ފިޠުރު ޕޯޓަލަކީ ޒަކާތުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގައި ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ، ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ މަރުޙަލާތަކުގައި ޒިންމާދާރުކަމާއި، ދެފުށް ފެންނަ މިންވަރާއި، ހަލުވިކަން އިތުރު ކުރުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމު ތަރައްޤީކޮށްފައިވަނީ، އޮންލައިންކޮށް ފައިސާ ދައްކަން އާދަވެފައި ނުވާ ފަރާތްތަކަށް، ނަގުދު ފައިސާއިން ފިޠުރު ޒަކާތް ދެއްކުމަށް މަގުފަހިކޮށްދިނުމަށެވެ.

ހަމައެކަނި މޯލްޑިވްސް ޒަކާތު ހައުސްއާއި، ލޯކަލް ކައުންސިލުތަކުގެ އިދާރީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ މި ޕޯޓަލަކީ އާންމުންނަށް ވަދެވޭ ޕޯޓަލެއް ނޫނެވެ. ފިޠުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލް އިދާރާތަކަށް ނުވަތަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދީފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑު ކުރާނެއެވެ. ފައިސާ ދައްކާ ނިމުމުން، ފިޠުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެއެވެ. މީގެ އިތުރުން، ޞަދަޤާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާނަމަ، އެ އަދަދުވެސް އެ މެސެޖުގައި ހިމެނޭނެއެވެ. މީގެ މަޤްޞަދަކީ ޒަކާތް ދައްކާ ފަރާތްތަކަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޚިދުމަތްދީ، މި ނިޒާމާ މެދު އިތުބާރު އުފެއްދުމެވެ.

މި ޕޯޓަލް ތަންފީޒު ކުރުމާއެކު، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތް ރެކޯޑު ކުރުމަށް، މުޅި ރާއްޖޭގައި އެއް މިންގަނޑަކުން ހިނގާ ނިޒާމެއް ޤާއިމުވެ، މޯލްޑިވްސް ޒަކާތު ހައުސްއަށް ވަގުތުން ފައިސާގެ މުޢާމަލާތްތައް މޮނިޓަރ ކުރެވޭނެއެވެ. މީގެ ސަބަބުން ޑިޖިޓަލް ޕްލެޓް ފޯމުތަކާއި، ނަގުދު ފައިސާގެ މުޢާމަލާތްތަކުން ލިބޭ ފިޠުރު ޒަކާތުގެ ހިސާބުތައް ކޮންމެ ދުވަހަކު ޞައްޙަކަމާއެކު އެއްކުރެވި، މާލީ ބެލެހެއްޓުންތެރި ކަމާއި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް ބާރު ލިބޭނެއެވެ.

މި ގޮތަށް އެއްކުރާ މަޢުލޫމާތުގެ ސަބަބުން އިދާރީ ހިންގުން ހަރުދަނާވެ، ރަމަޟާން މަސް ނިމުމުގެ ކުރިން ޝަރުޢީ ހަމަތަކާ އެއްގޮތަށް، ހުރިހާ ރަށެއްގައި ތިބި ޒަކާތް ހައްޤުވާ ފަރާތްތަކަށް ހަމަހަމަ ކަމާއެކު ޒަކާތް ބެހުމުގެ މަސައްކަތް ތަރުތީބު ކުރުމަށް ފަސޭހަވެގެންދާނެއެވެ.

ފިޠުރު ޕޯޓަލް އިފްތިތާޙު ކުރުމަކީ، ޓެކްނޮލޮޖީގެ އެހީގައި ޒަކާތުގެ ނިޒާމު ޒަމާނީ ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފައިސާ ބަލައިގަންނަ ގޮތްތަކުގެ ތެރެއަށް ޑިޖިޓަލް ނިޒާމުތައް ލާމެހިގެން ދިއުމުން، މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ޚިދުމަތް ހޯދުމަށް ފަސޭހަވެ، މުޅި ރާއްޖޭގައި ޒަކާތުގެ ޚިދުމަތް ދިނުމުގައި ދެފުށް ފެންނަ މިންވަރާއި، ޒިންމާދާރު ކަމާއި، ހިންގުންތެރިކަން އިތުރު ވެގެންދާނެއެވެ.