ރަޝިޔާގެ އިދިކޮޅު ލީޑަރު އަލެކްސީ ނަވާލްނީ މަރައިލާފައި ވަނީ ނުރައްކާތެރި ވިހައެއް ބޭނުން ކޮށްގެން ކަމަށް ބުނެ، ވިލާތުގެ ފަސް ޤައުމަކުން ރަޝިޔާއަށް ބޮޑު ތުހުމަތެއް އަމާޒުކޮށްފިއެވެ. ނަވާލްނީ މަރުވީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ރަޝިޔާގެ ޖަލެއްގައި ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާ މަރައިލުމަށް ނުރައްކާތެރި ވިހައެއް ބޭނުން ކޮށްފައިވާ ކަމުގައި ވިލާތުގެ ފަސް ޤައުމަކުން ތުހުމަތު ކޮށްފައިވާއިރު، ރަޝިޔާއިން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ. މޮސްކޯއިން ސިފަކުރި ގޮތުގައި މިއީ ހުޅަނގުގެ ޕުރޮޕެގެންޑާއެކެވެ.
ނަވާލްނީގެ މަރާ ރަޝިޔާއާ ގުޅުވައި ތުހުމަތު އަމާޒުކޮށްފައިވާ ފަސް ޤައުމަކީ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ސްވިޑެން އަދި ނެދަލެންޑްސްއެވެ. އެ ޤައުމުތަކުން ބުނީ، ނަވާލްނީ މަރައިލުމަށް ދެކުނު އެމެރިކާގެ ޖަންގަލިތަކުގައި ދިރިއުޅޭ ބޮކެއްގެ ވިހަ ބޭނުން ކޮށްފައިވާ ކަން، އެ ޤައުމުތަކުގެ ސައިންސްވެރިގެ ދިރާސާތަކުން ހާމަވެފައިވާ ކަމުގައެވެ. އަދި، ނަވާލްނީގެ ހަށިގަނޑުން ނަގާފައިވާ ސާމްޕަލްތަކުން 'އެޕިބެޓިޑައިން'ގެ ނަން ކިޔާ ވިހަ މާއްދާއެއްގެ އަސަރުތައް ހޯދިފައިވާ ކަމުގައެވެ. އެއީ، ޤުދުރަތީ ގޮތުން ރަޝިޔާއިން ލިބެންހުރި މާއްދާއެއް ނޫން ކަމުގައި ވެސް އެ ޤައުމުތަކުން ބުންޏެވެ.
މި ތުހުމަތުތަކަށް ރައްދުދެމުން ރަޝިޔާގެ ސަރުކާރުން ބުނީ، ނަވާލްނީގެ މަރާ އެ ޤައުމުގެ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމުގައެވެ. ރަޝިޔާގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިޔާ ސަރުކާރުން ވަނީ މި ތުހުމަތުތަކަކީ "ހުޅަނގުގެ ޕްރޮޕެގަންޑާ" އަދި "އޮޅުވައިލުންތަކެއް"ގެ ގޮތުގައި ސިފަކޮށްފައެވެ. މީގެ އިތުރުން ލަންޑަންގައި ހުންނަ ރަޝިޔާ އެމްބަސީން ބުނެފައިވަނީ މީހެއްގެ މަރާ ގުޅުވައި ދައްކާފައިވާ މި ފަދަ ޙަޤީޤަތެއް ނެތް ވާހަކަތައް އެއްވެސް ފަރާތަކުން ޤަބޫލު ކުރާނެ ކަމާ މެދު ސުވާލު އުފެދޭ ކަމުގައެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަރިޔާ ޒަޚަރްވާ ވިދާޅުވީ، ނަވާލްނީގެ މަރާއި ރަޝިޔާއާ ގުޅުވައި ހުޅަނގުގެ ބާރުތަކުން ޙަޤީޤަތެއް ނެތް ވާހަކަތައް ފަތުރަމުން ދަނީ ހުޅަނގަށް ކުރިމަތިވެފައި އޮތް މައްސަލަތައް އޮއްބައިލައި، ޢާންމުންގެ ސަމާލުކަން އަނބުރައިލުމުގެ ނިޔަތުގައި ކަމުގައެވެ. ނަވާންލީ މަރުވީ 2024ވަނަ އަހަރުގެ ފެބުރުވަރީ މަހުއެވެ. މޮސްކޯއިން ބުނެފައި ވަނީ އޭނާ މަރުވީ ޤުދުރަތީ ސަބަބަކާ ގުޅިގެން ކަމުގައެވެ.