ދީން

ޙައްޖުވެރިންގެ ފުރަތަމަ ޤުރޫޕް މާލެ އަތުވެއްޖެ


ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މިއަހަރު ރާއްޖެއިން މައްކާއަށް ދިޔަ ހައްޖުވެރިން، ޙައްޖުގެ އަޅުކަން ނިންމާލުމަށްފަހު އޭގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު މާލެ އަތުވެއްޖެއެވެ. މިއަދު އައީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދިޔަ މީހުންގެ ތެރެއިން ދުއިސައްތަ ފަންސާސަ ދެމީހުންނެވެ.

ރާއްޖެއިން ދިޔަ ޙައްޖާޖީން މިއަދުން ފެށިގެން މިމަހުގެ ސައުވީސް ވަނަ ދުވަހާ ދެމެދުގެ ދުވަސްތަކުގައި އެކި ގަޑިތަކުގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރު ރާއްޖެއިން ދެހާސް މީހުން ޙައްޖަށް ގޮސްފައިވެއެވެ. މިއީ ސަޢޫދީ ޢަރަބިއްޔާއިން ޙައްޖު ކޯޓާ، ކޮންޓްރޯލް ކުރައްވަން ފެއްޓެވިފަހުން ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޙައްޖުވުމަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެތެރެއިން އެއްހާސް މީހުން ޙައްޖަށް ދިޔައީ، ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައެވެ. ބާކީ 1000 މީހުން ދިޔައީ އަމިއްލަ 5 ޖަމާޢަތެއްގެ ޙަވާލުގައެވެ. މީގެތެރެއިން ޒަޢީމާ ޙައްޖު ގުރޫޕްގެ ޙަވާލުގައި 200 މީހުން، ސިސިލްފަރު ގްރޫޕްގެ ޙަވާލުގައި 193 މީހުން، އެކްރޯ ގްރޫޕާއި އަލް ޙަރްމައިންއާއި މިނާ ގްރޫޕުންވެސް ކޮންމެ ގުރޫޕަކުން 200 މީހުން ދިޔައެވެ.

img:http://s1.psmnews.mv/images/660x400/14741207084244.jpg|ޙައްޖުވެރިންގެ ފުރަތަމަ ޤުރޫޕް މާލެ އައުމުން، އާއިލާތަކުން މަރުޙަބާ ކިޔަނީ / ރާއްޖެއިން މިއަހަރު 2000 މީހުން ޙައްޖަށްދިޔަ

މިއަދު ރާއްޖެ އައިސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި ދިޔަ 1000 މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕެވެ. ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދިޔަ 2 ވަނަ ގްރޫޕް މިމަހުގެ 19 ވަނަ ދުވަހު އަދި 3 ވަނަ ގްރޫޕް މިމަހުގެ 21 ވަނަ ދުވަހު ރާއްޖެ އަންނާނެއެވެ. ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި ދިޔަ އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ސައުވީސްވާ ހޮނިހިރު ދުވަހުއެވެ.

އަމިއްލަ ފަސް ޖަމާޢަތެއްގެ ޙަވާލުގައި މިއަހަރު ޙައްޖުގެ އަޅުކަން ކުރަން ދިޔަ 1000 މީހުންގެ ތެރެއިން، އަލް ޙަރްމައިން ގްރޫޕްގެ ހަވާލުގައި ދިޔަ 200 މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އަދި 22 ވަނަ ދުވަހުއެވެ. އެކްރޯ ގްރޫޕްގެ ޙަވާލުގައި ދިޔަ 200 ޙައްޖާޖީން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 އަދި 20 ވަނަ ދުވަހުއެވެ.

މިއަހަރު ޙައްޖަށް ދިޔަ މީހުން އެއަރޕޯޓަށް ދިއުމުގެ ހުރިހާ ޚިދުމަތެއް ސަރުކާރުގެ ޚަރަދުގައި ހަމަޖެއްސެވިނަމަވެސް އެނބުރި އަންނަ އިރު، އެފަދަ އިންތިޒާމެއް ހަމަޖައްސާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.