ވިޔަފާރި

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން މުޙިއްމު"


ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ރާއްވަވާފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރު ވިދާޅުވީ ޤައުމުގެ ތަރައްޤީއަށް ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތައް މުޙިއްމުކަމަށެވެ. މި ސަބަބަށްޓަކައި ސަރުކާރުން ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އެފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލީ ނިޒާމުގެ ތެރެއިން ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދީ، ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދާދިފަހުން ސަރުކާރުން ވަނީ ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށް ސަރުކާރުން ދޫކުރަން ނިންމާފައިވާ 50 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނުގެ އިންޓަރެސްޓް ހަތް ޕަސަންޓަށް ކުޑަކުރައްވަން ނިންމާ ލޯނު ދޫކުރުމުގެ ކަންކަން ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. މި ބަދަލާއި އެކުވެސް ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ފައްސޭހަތައް ލިބި އެ ދާއިރާ ކުރިއަރައިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.