ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަނަމާދު ކޮށްފި


މިރޭ ހިފި ހަނދުކޭތައާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަނަމާދުކޮށްފިއެވެ.

ފަލަކީ ހިސާބުތަކަށް ބަލާ، އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ، ހަނދުކޭތަ ހިފަން ފަށާފައިވަނީ މިރޭ 11:53ގައިކަމަށެވެ. ގަޑިއެއްހާއިރަށް ދެމިގެންދާނެކަމަށް ބެލެވޭ މި ކޭތަ ވީއްލާނެކަމަށް ބެލެވެނީ މެންދަމު 1:53ގައެވެ. ކޭތަ ނަމާދު ކޮށްފައިވަނީ، ކޮންމެ ރަށެއްގެވެސް އެންމެ ބޮޑު މިސްކިތުގައެވެ.

މާލޭގައި ކޭތަ ނަމާދުކޮށްފައިވަނީ މަސްޖިދުއްޞުލްޠާނު މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމި މަރުކަޒު) ގައެވެ. ހުޅުމާލެއާއި ވިލިގިނލީގައިވެސް ކޭތަނަމަދުކޮށްފައިވެއެވެ. އަތޮޅުތަކުގެ ރަށްރަށުގައި ކޭތަނަމާދުކުރީ އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތުގައެވެ. ކޭތަ ނަމާދަކީ ގިނަބަޔަކު އެއްވެ ޖަމާޢަތުގައި ކުރާ ސުންނަތް ނަމާދެކެވެ.

ކޭތަހިފުމަކީ، މާތްﷲ އިރަށާއި ހަނދަން މިންވަރުކުރައްވާފައިވާ ދައުރުވުމެއްގެ ސަބަބުން ހިނގާ ކަމެކެވެ. ކޭތަހިފަނީ ހަމައެކަނި ޤުދުރަތީ ސަބަބުތަކުން ނޫންކަމާއި މީސްތަކުން ކުރާ ފާފަތަކާއި އުރެދުން ގިނަވުމުގެ ސަބަބުންވެސް ކޭތަހިފާކަން ކީރިތި ރސޫލާގެ ބަސްފުޅުތަކުން އެނގޭކަމަށް ޢިމްލުވެރިން ވިދާޅުވެއެވެ. އަދި ކޭތަހިފުމަކީ، ބަލަން ނިކުންނަންޖެހޭ ރީތި މަންޒަރެއްގެ ގޮތުގައި އެކަނި ބެލުމުގެ ބަދަލުގައި ކުށްފާފަ ފުއްސެވުން އެދި ދުޢާ ދެންނެވުމަކީ މުހިންމުކަމެއްކަން ދީނީ ޢިލްމުވެރިން ފާހަގަކުރައްވައެވެ.