ޚަބަރު

މަރުވި ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް


  • ދެ މީހުން މަރުވީ މި މަހުގެ 2ވަނަ ދުވަހު

  • އެކަކު މަރުވީ އެޑްމިޓްކޮށްގެން ފަރުވާ ދެނިކޮށް

  • އަނެއް މީހާ މަރުވީ ކުއްލި ޞިއްޙީ ޙާލަތެއް ކުރިމަތިވެގެން

ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، މިމަހުގެ 2ވަނަ ދުވަހު މަރުވި ދެ ދިވެހިންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފަވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ފުލުހުން ވަނީ، އެ ދެމީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފަވާކަން ހާމަކޮށްފައެވެ.

ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް މިމަހުގެ 2 ވަނަ ދުވަހު މަރުވެފައިވަނީ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދަފްތަރު ނރ. 439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުޙެއިލްއާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، އުމުރުން 45 އަހަރުގެ ޙަސަން ނިޔާޒްއެވެ.

މީގެތެރެއިން އިބްރާހިމް ސުޙެއިލްގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ފަހުން އޭނާ މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ. މީގެ އިތުރުން ޙަސަން ނިޔާޒް މަރުވީ އޭނާއަށް ކުއްލި މެޑިކަލް އިމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމުން ދަނިކޮށެވެ.

މި ދެ މައްސަލަވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.