ވިޔަފާރި

ތެޔޮ ރައްކާކުރާ ނިޒާމް ފުޅާކުރުމުގެ މަޝްރޫއު 2017ގައި ނިމޭނެ


އެސް.ޓީ.އޯގެ ތެޔޮ ރައްކާކުރާ ނިޒާމް ފުޅާކުރުމަށް މިހާރު ހިންގަވާ މަޝްރޫޢު އަންނައަހަރުގެ ކުރީކޮޅު ނިމޭނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އެސްޓީއޯއިން ދަނީ ތެޔޮ ރައްކާކުރެވޭ މިންވަރު ދެގުނައަށް އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންނެވެ. މި މަޝްރޫޢުގައި ހިމަނައިގެން ތެޔޮއުފުލާ ބޯޓެއް ގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެސް.ޓީ.އޯގެ ތެޔޮ ރައްކާކުރާ ނިޒާމް ބޮޑުކުރުމަށްޓަކައި ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ތެޔޮ އުފުލުމުގައި އެސްޓީއޯއިން ބޭނުންކުރާ އެކުންފުނީގެ އަމިއްލަ ބޯޓުގައި ހުންނަނީ 7000 މެޓްރިކް ޓަނެވެ. އެކުފުނިން ބުނީ އަބަދުވެސް ޗާޓާ ކޮށްގެން ބޯޓެއް ތެޔޮ އުފުލުމުގައި ބޭނުންކުރާ ކަމަށެވެ.

ޗާޓާކޮށްގެން ބޯޓެއް ގެނައުމަކީ ބޮޑު ޙަރަދެއް ހިނގާ ކަމެއް ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ. އެހެންކަމުން މިކަމަށް ލުއެއް ހޯދުމުގެ ގޮތުން ތެޔޮ އުފުލުމުގައި ބޭނުންކުރުމަށް ފަންސަވީސް ހާހާއި ތިރީސް ހާހާއި ދެމެދުގެ ލޯޑިންގ ކެޕޭސިޓީއެއް ހުރި ބޯޓެއް ގަތުމަށް ވިސްނާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވިއެވެ. އަދި މިކަމަކީ ތެޔޮ ރައްކާކުރާ މިންވަރު އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބައެއް ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ ފުނަދޫގައި ތެޔޮ ރައްކާކުރެވޭ މިންވަރަކީ ރާއްޖެއަށް ތެޔޮ ބޭނުންވާ މިންވަރާއި އަޅާ ބަލާއިރު މާ ކުޑަ ސްޓޯރޭޖެއް ކަމަށާއި ރާއްޖޭގައި އޮތް ތެލުގެ ޑިމާންޑާއި އެއްވަރަށް ތެޔޮ ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސޭނީ ތެޔޮ ރައްކާ ކުރާ ނިޒާމް ބޮޑުކޮށްގެން ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ޑިސެމްބަރ މަހުގެތެރޭގައި އާ ތާނގިއެއް ގަނެ، ބޭނުންކުރަން ފެށޭނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.

ކ.އަތޮޅު ފުނަދޫގައި ހުންނަ އެސް.ޓީ.އޯގެ ތެޔޮ ރައްކާކުރާ ނިޒާމް ބޮޑު ކުރުމުގެ މަޝްރޫއު ނިމޭ އިރު، ތެޔޮ ރައްކާކުރެވޭ މިންވަރު ދެގުނަ އަށް އިތުރުވެގެންދާނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. މިއީ 35 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.