ސިޔާސީ

ސަރުކާރު އޮތީ ބަދަހިކޮށް- ހޯމް މިނިސްޓަރ


ސަރުކާރު އޮތީ ބަދަހިކޮށްކަމަށާއި، ސަރުކާރު ހިންގާ ޕާޓީގެ އިސްފަރާތްތަކާއެކު ފުލް ސްޓްރެންތުގައި 2018 ގެ ކެމްޕެއިންގެ ކަންކަން ވަރަށް އަވަހަށް ފެށޭނެކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް.އާ ވާހަކަފުޅު ދައްވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ބައްޕައަކާއި، ދަރިއަކާއި ދެމެދުވެސް ޚިޔާލުތަފާތުވާ ފަދަ ކަމައެއް ކުރިމަތިވެދާނެ ކަމަށާއި، ސަރުކާރު ހިންގާ ޕީ.ޕީ.އެމްއިން އަބަދުވެސް މި ސަރުކާރުގެ ދިފާޢުގައި އޮންނަކަމަށެވެ.

ރައީސް މައުމޫނާއި، ސަރުކާރާ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތްކަން ސިފަކުރައްވަމުން، މިނިސްޓަރ އަޒްލީން ވިދާޅުވީ، ރައީސް މައުމޫނުވެސް ހުންނަވާނީ ސަރުކާރާ އެކުގައި ކަމަށެވެ. ޕީ.ޕ.އެމް ޕާލިމެންޓްރީ ގްރޫޕުން ނިންމި ބައެއްކަންކަމާމެދު މިދިޔަ ޖޫންމަހުގެ ފަހުކޮޅު ޕީ.ޕީ.އެމްގެ ރައީސް، ރައީސް މައުމޫނު ވަނީ އެޕާޓިއަށް އިޞްލާޙްތަކެއް ގެންނަޖެހޭކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އޭރުވެސް އެމަނިކުފާނު ވިދާޅުވީ، ޚިޔާލުތަފާތުވުމެއް ވާނަމަ ވާހަކަދައްކައިގެން އެކަން ޙައްލުކުރައްވާނެކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން އޭރުވެސް ރައީސް މައުމޫން ދެއްވާފައިވެއެވެ.

ހަމަ އެހެންމެ ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕުންވެސް މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރައްވާނީ، ރައީސް މައުމޫނާއި، ޕީ.ޕީ.އެމްގެވެސް ފުރިހަމަ ތާއީދާއެކު ކަމަށެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުގެ މަސަކަތް ފުޅާކުރައްވައި އިތުރަށް ވަރުގަދަ ކުރައްވަމުން ގެންދަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އިދިކޮޅުގައި ތިއްބެވި ލީޑަރުން ތިއްބަވަނީ ރާއްޖެއިން ބޭރުގައިކަމަށާއި، އިދިކޮޅު ފަރާތްތަކެއް މިހާރު ނެތްކަމަށެވެ.