ޚަބަރު

ބްލޫމްބާރގް އިނީޝިއޭޓިވްގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދުމުގެ ފުރުޞަތު


  • ހިލޭ އެހީއަށް އެދި ހުށަހެޅޭނީ މިމަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް

  • އެހީއަށް އެދި ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް

ބްލޫމްބާރގް އިނީޝިއޭޓިވްގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "އިންޓަނޭޝަނަލް ޔުނިއަން އެގެއިންސްޓް ޓިއުބަރކުލޮސިސް އެންޑް ލަންގް ޑިސީސް" ޔޫނިއަންއާއި "ކެމްޕެއިން ފޯ ޓޮބޭކޯ ފްރީ ކިޑްސް"އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

"ބްލޫމްއިނީޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯޔޫސް" އަކީ، ދުނިޔޭގެ ފެންވަރުގައި ހިލޭ އެހީ ދިނުމުގެ ތަފާތު ހަރަކާތްތަކަށް އެހީދެއްވާ މައިކަލް އާރ. ބްލޫމްބާރގެ އެހީގައި، ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ހިންގާ މަޝްރޫޢެކެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ، އެޗްޕީއޭއިން ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ގްރާންޓްސް ޕްރޮގްރާމުގެ 39ވަނަ ބުރުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެހީއަށް އެދި ހުށަހަޅަން ޖެހޭނީ, އެ ޕްރޮގްރާމުގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށެވެ.

މި ޕްރޮގްރާމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ، އެ ހަރަކާތެއްގެ ސަބަބުން ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކާއި، ކުރިއެރުންތައް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ގެނައުމަށް އަމާޒުކޮށްފައިވާ ހުށަހެޅުންތަކަށް ކަަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެއިތުރުން، ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުން މަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެފަދަ ފިޔަވަޅުތައް ތަންފީޒު ކުރުމާއި، ދުންފަތުގެ ބާވަތްތަކުގެ އަގާއި، ޓެކްސް ނެގުމަށް އެޅޭ ފިޔަވަޅުތަކާއި، ސާބިތު ހިފޭ ފަންނީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށްފައިވާ ހުށަހެޅުންތަކާއި، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކަށް އިސްކަން ދެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމުގެ ދަށުން ހިލޭ އެހީއަށް އެދި ހުށަހެޅޭނީ، މިމަހުގެ 25ވާ ބުދަ ދުވަހާ ހަމައަށެވެ.