ޚަބަރު

އޭޝިއާ މީޑިއާ ސަމިޓު ރާއްޖޭގައި ބޭއްވުމަށް ޕީއެސްއެމްއާއި އޭއައިބީޑީއާ ދެމެދު ސޮއިކޮށްފި


  • މި ސަމިޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މޭއި މަހުގައި

  • ދުނިޔޭގެ އެކި ކަންކޮޅުތަކުން މީޑިއާގެ ބައިވެރިން އަންނާނެ

މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓު ރާއްޖޭގައި ބޭއްވުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއާއި އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާ ދެމެދު ރަސްމީކޮށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިސަމިޓު ރާއްޖޭގައި ބާއްވާނެކަން ޢިއުލާންކޮށްފައިވަނީ މިދިޔަ އަހަރު ކެމްބޯޑިއާގައި ބޭއްވި 20 ވަނަ ސަމިޓުގެ ތެރެއިންނެވެ.

21 ވަނަ އޭޝިއާ މީޑިއާ ސަމިޓު ރާއްޖޭގައި ބޭއްވުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާއި އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއިން ރަސްމީ މަޝްވަރާތައް ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދި މިހާރުވަނީ މިސަމިޓު ބޭއްވުމުގައި ހޯސްޓިންގ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. އަދި އޭއައިބީޑީގެ ފަރާތުން ސޮއިކުރެއްވީ، ސީއީއޯ އަދި ސެކްރެޓޭރިއަޓް ޑިރެކްޓަރ، ފިލޮމީނާ ނަނަޕްރަގަސަންއެވެ.

މިރަސްމިއްޔާތަށްފަހު ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، މިއީ ހަމައެކަނި ޕީއެސްއެމްއަށް ލިބުނު ޝަރަފެއް ނޫން ކަމަށެވެ. އަދި މިއީ ހަމައެކަނި ފަތުރުވެރިކަމުގެ ސަބަބުން ދުނިޔެއަށް މަޝްހޫރުވެފައިވާ ރާއްޖޭގެ އެހެން ދާއިރާތަށް ބޭރުގެ ފަރާތްތަކާ ޙިއްސާކުރުމަށް ލިބިގެންދާ ފުރުޞަތެއް ކަމަށް އެމްޑީ ވިދާޅުވިއެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވެނީ މިއީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއިން އަންނަ ކުރިއެރުމެއް ކަމަށް. ސަރުކާރުގެ މޯލްޑިވްސް 2.0ގެ ތަސައްވުރުގެ ދަށުން ކުރެވޭ މުހިއްމު މަސައްކަތެއް މިއީ. ހަމައެއާއެކު ދުނިޔޭގެ އެކި ޤައުމުތަކުގެ މީޑިއާތަކަށް އަޅުގަނޑުމެން ހުޅުވާލެވިގެންދާން ލިބޭ ފުރުޞަތެއް ކަމަށް އަޅުގަނޑު ދެކެނީ." ޝަކީބު ވިދާޅުވިއެވެ.

އޭއައިބީޑީގެ ސީއީއޯ އަދި ސެކްރެޓޭރިއަޓް ޑިރެކްޓަރ، ފިލޮމީނާ ވިދާޅުވީ، އަންނަ އަހަރަކީ ރާއްޖެ ޤައުމީ ފެންވަރުގައި ފާހަގަކުރާ "ވިޒިޓް މޯލްޑިވްސް އަހަރު" ކަމަށްވުމުން މި ސަމިޓަކީ އެކަމަށް މަގުފަހިވެގެންދާނެ ސަމިޓަކަށް ހެދުމަށް ޕީއެސްއެމްއާއި ގުޅިގެން މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

"މިސަމިޓަކީ ވިޒިޓް މޯލްޑިވްސް އަހަރަށް ސެޓުވެގެންދާ ސްޓޭޖަކަށް ވެގެންދާނީ. ރާއްޖޭގެ ޘަޤާފީ ކަންކަން މި މީޑިއާއަށް ގެނެވިފައިވާ ބޮޑު ބަދަލުތަކާއި ގުޅޭ ވާހަކަތަށް މި ސަމިޓުގެ ތެރެއިން ގެނެސްދެވޭނެ." ސީއީއޯ ވިދާޅުވިއެވެ.

މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގެ ޝިޢާރަކީ، "ޓްރެޑިޝަން އެންޑް ޓްރާންސްފޮމޭޝަން" އެވެ.

މިއަހަރުގެ ސަމިޓު ރާއްޖޭގައި ބޭއްވުމަށް އޭއައިބީޑީގެ ޓީމެއް އަންނަނީ ރާއްޖޭގައި މަސައްކަތް ކުރަމުންނެވެ. 2004 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އޭޝިއާ މީޑިއާ ސަމިޓަކީ، މީޑިއާގެ ދާއިރާއިން ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. މިސަމިޓުގެ ތެރެއިން މީޑިއާތަކާއި މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް އެއްތާކުން ބައްދަލުވެ، މީޑިއާ ދާއިރާގެ ކުރިއެރުމަށް ގެންނަށްޖެހޭ ބަދަލުތަކާމެދު މަޝްވަރާކޮށް ތަޖުރިބާ ހިއްސާކުރެއެވެ.