އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %5.1 އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 303،488 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 288،798 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %5.1 އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިމަހުގެ 8 ވަނަ ދުވަހު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެދުވަހު ރާއްޖެއަށް 10،462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
* ޗައިނާ: 39،132 ފަތުރުވެރިން
* ރަޝިއާ: 36،565 ފަތުރުވެރިން
* އިޓަލީވިލާތް: 30،656 ފަތުރުވެރިން
* އިނގިރޭސިވިލާތް: 27،864 ފަތުރުވެރިން
* ޖަރުމަނުވިލާތް: 18،630 ފަތުރުވެރިން
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 299،764 ފަތުރުވެރިން އައިސްފައިވަނީ ރާއްޖޭގެ މައި އެއަރޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. 2ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެއީ 1،012 ފަތުރުވެރިންނެވެ.
ފަތުރުވެރިން ރާއްޖެ އަންނަ މިންވަރަށް ބަލާއިރު މި ފެބުރުވަރީ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 8،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނަކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ރާއްޖޭގައި 1275 ތަނެއް އޮޕަރޭޓްކުރަމުންދެއެވެ. އެއީ މުޅި ޖުމްލަ 67،009 އެނދެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައީ 2.2 މިލިޔަން ފަތުރުވެރިންނެވެ.