ރާއްޖޭގެ އިންވެސްޓްމަންޓް ނިޒާމަކީ ދެފުށް ފެންނަ، ހަމަހަމަ އަދި އިތުބާރު ހިފޭ ނިޒާމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބަރލިންގައި ކުރިއަށްގެންދިޔަ، މޯލްޑިވްސް - ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަމުންނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ބައިނަލްއަޤްވާމީ އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމުގައާއި ވިޔަފާރީގެ ބައިވެރިވުން އިތުރުކޮށް މަގުފަހިކޮށްދިނުމުގައި ޖަރުމަނު ވިލާތުން އަދާކުރައްވާ ދައުރު ބޮޑުކަމަށެވެ. ވަޒީރު ވިދާޅުވީ ޖަރުމަނުވިލާތަކީ ގާތްގަނޑަކަށް 60 އަހަރު ވަންދެން ދިވެހިރާއްޖެއާއި ގާތް ގުޅުމަތް ބާއްވަމުންއަންނަ ޤައުމެއްކަމަށެވެ. އެގޮތުން 1966 ވަނަ އަހަރު ސިޔާސީ ގުޅުން ޤާއިމުކުރެވުނީއްސުރެ، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އަންނަނީ ބިނާކުރުވަނިވި ގޮތެއްގައި ކުރިއަރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދެޤައުމުގެ ދެމެދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބިންގަލަކީ ފަތުރުވެރިކަންކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފެށިގެން އައި ދުވަސްވަރު، ޖަރުމަނުގެ ކުންފުނިތަކަކީ އެ ދާއިރާ ތަރައްޤީކުރުމުގައި އެންމެ ފުރަތަމަ ބައިވެރިވި ފަރާތްތައްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން 1984ވަނަ އަހަރު އެކަނިވެސް، ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ ގާތްގަނޑަކަށް 20 އިންސައްތައަކީ ޖަރުމަނުވިލާތުގެ ފަތުރުވެރިންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބްރޭންޑަކަށް ވުމުގެ މާކުރިން ފެށިގެން އުފެދިފައިވާ ވަރުގަދަ ގުޅުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިއަދު އިޤްތިޞާދުގެ މައި ތަނބުގެ ގޮތުގައި އޮތް ސިނާޢަތުގެ ބިންގާ އެޅުމުގައި މުހިންމު ބައިވެރިއެއްގޮތުގައި ޖަރުމަނުވިލާތު ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ފުޅާކުރުމަށް ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންކަމަށާއި ފަތުރުވެރިކަން މުހިންމު ދާއިރާއެއްގެ ގޮތުގައި އޮތް ނަމަވެސް، އަމާޒަކީ އިޤްތިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުންކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ. މިގޮތުން، ސިއްޙީ ދާއިރާ، ބޭންކިންގ އަދި މާލީ ޚިދުމަތްތައް، އިއާދަކުރަނިވި ހަކަތަ، ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީ އަދި ހުނަރު ތަރައްޤީކުރުން ފަދަ ދާއިރާތަކުން ޖަރުމަނުގެ ބައިވެރިންނާއެކު ގާތް ގުޅުމެއް ބޭއްވުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަދުގެ މި ބައްދަލުވުމަކީ މަޝްވަރާކުރުމާއި ޚިޔާލު ބަދަލުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް. މީގެ ސަބަބުން އަޅުގަނޑުމެންގެ ތަރައްޤީގެ އިސްކަންދޭ ކަންކަމާއި އިޞްލާޙީ މަސައްކަތްތައް ބޭރުގެ ފަރާތްތަކަށް ސާފުވެގެންދާނެ. އަދި ދެ ގައުމަށްވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެ" ވަޒީރު ވިދާޅުވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި މިހާރު ވަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ޒަމާނީ އޮނިގަނޑެއް އެކުލަވާލެވިފައިކަމަށެވެ. އެގޮތުން އިންވެސްޓްމަންޓްތަކަށް ހުއްދަދިނުމުގެ މަރުޙަލާތައް ފަސޭހަވެ އިންވެސްޓަރުންގެ ޙައްޤުތައް ހިމާޔަތްކުރުން ހަރުދަނާކޮށް، ޤާނޫނީ ގޮތުން ލިބިދޭ ބާރުވެރިކަން ވަނީ އިތުރުކުރެވިފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ އިންވެސްޓްމަންޓް ނިޒާމަކީ ދެފުށް ފެންނަ، ހަމަހަމަ އަދި އިތުބާރު ހިފޭ ނިޒާމެއްކަމަށާއި މިއީ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުޞޫލުތަކާ އެއްގޮތަށް ބައްޓަންކުރެވިފައިވާ، އިންވެސްޓަރުން ބޭނުންވާ ފަދަ ޔަޤީންކަން ލިބިދޭނެ ނިޒާމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.