ސިޔާސީ

މިހާރު ސިޔާސީ ޕާޓީތަށް ފައިސާ ދޫކުރުމުގައި އެއްވެސް ހުރަހެއް ނެތް


ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރެއްވުމަށް އެއްވެސް ހުރަހެއް މިހާރު ނެތްކަމަށާއި، ޕާޓީތަކަށް ފައިސާ ދޫކުރެއްވުމަށްޓަކައި ކުރައްންޖެހޭ އިދާރީކަންކަން ކުރައްވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، ކުރީ އަހަރުތަކާއި، ޚިލާފަށް މިއަހަރު ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އެކޮމިޝަނަށް ދަތިތަކާއި ކުރިމަތިވިކަމަށެވެ. އެގޮތަށް ދިމާވީ ޕާޓީތަކުގެ މެންބަރުންގެ ފިންގަރޕްރިންޓް ހަމަކުރުމަށް އަންގަވައި އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީއާ ގުޅިގެން ދެ ޕާޓިއަކުން އެމައްސަލަ ކޯޓަށް ހުށައެޅުމުން ކޯޓުން ނެރުނު އަމުރަކާ ގުޅިގެންކަމަށް އަމްޖަދު ވިދާޅުވިއެވެ.

ޤާނޫނުގައި ބުނާ މުއްދަތު ހަމަވި އިރު ފައިސާ ހަވާލުކުރެވިފައި ނުވަނީ ބައެއް ސިޔާސީ ޕާޓީތަކުން ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާތީ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ކުރިން ވިދާޅުވެފައިވެއެވެ.

ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރައްވަނީ، ޕާޓީތަކުގައި މެންބަރުން ތިބޭ އަދަދަށް ބައްލަވައިގެން ކަމަށްވާއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގައި ވަނީ 1 މަސް ދުވަހުގެތެރޭގައި ހުރިހާ ޕާޓީތަކުންވެސް އެ ޕާޓީތަކުގައި ތިބި މެންބަރުންގެ ފިންގަރ ޕްރިންޓް ހަމަކޮށް، ނިންމުމަށެވެ. އަމްޖަދު ވިދާޅުވީ މިހާރު ހުށައަޅާފައިވާ ފޯމުތައް ޕްރޮސެސްކުރުމުގެ މަސަކަތް ކުރައްވަމުން ގެންދާކަމަށެވެ. އަދި މިހާރު ޕާޓީތަށް ފައިސާ ދޫކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށާއި، އެކަމުގެ ތައްޔާރީތައް ކުރައްވަމުން ގެންދަވާކަމަށެވެ.

2005 ވަނަ އަހަރު އެކުލަވާލެއްވި ސިޔާސީ ޕާޓީތަކުގެ ޤަވާޢިދުގެ ދަށުން ކޮންމެ ޕާޓީއަކަށްވެސް އެ ޕާޓީއެއްގައި މެމްބަރުން ތިބި އަދަދުން ދައުލަތުގެ ބެޖެޓުން ކޮންމެ އަހަރަކު ފައިސާ ދެއްވަންޖެހިވަޑައިގަންނަވައެވެ. އެޤަވާޢިދުގެ ދަށުން ޕާޓީތައް އުފެއްދުނީ 3000 މެމްބަރުން ހަމަކޮށްގެން ކަމުގައިވީނަމަވެސް އެ އަދަދަށް މެމްބަރުން ނެތްނަމަވެސް ދައުލަތުގެ ބަޖެޓުން މިހާތަނަށް ގެންދެވީ ޕާޓީތަކަށް މިލިޔަނުން ފައިސާ ޚަރަދުކުރައްވަމުންނެވެ.

އާ ޤާނޫނޫގެ ދަށުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރައްވާނީ އެ ބަޖެޓެއް ފާސްކުރާ ދުވަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި ގޮތުން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެ ޕާޓީއެއްގެ މެމްބަރުންގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން 0.1 ނުވަތަ 0.2 އިންސައްތައާ ދެމެދުގެ އަދަދަކަށް ފައިސާ ދެއްވަންޖެހެއެވެ.