ދީން

ދިވެހި ޙައްޖާޖީން މާދަމާ ރާއްޖެ އަންނަން ފަށާނެ


މިއަހަރު ޙައްޖަށް ދިޔަ ދިވެހިން މާދަމާ ރާއްޖެ އަންނަން ފަށާނެއެވެ.

ރާއްޖެއިން ދިޔަ ޙައްޖާޖީން މާދަމާއިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާ ދެމެދުގެ ދުވަސްތަކުގައި އެކި ގަޑިތަކުގައި ރާއްޖެ އަންނާނެއެވެ. އަދި މިމަހުގެ 24 ވަނަ ދުވަހުގެ އެކި ގަޑިތަކުގައިވެސް ޙައްޖާޖީން ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

tw:https://twitter.com/Hajjcorporation/status/776465635408769024

މިއަހަރު ރާއްޖެއިން 2000 މީހުން ޙައްޖަށް ގޮސްފައިވެއެވެ. މިއީ ސަޢޫދީޢަރަބިއްޔާއިން ޙައްޖު ކޯޓާ، ކޮންޓްރޯލް ކުރައްވަން ފެއްޓެވިފަހުން ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޙައްޖުވުމަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެތެރެއިން 1000 މީހުން ޙައްޖަށް ގޮސްފައިވަނި، ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައެވެ. ބާކީ 1000 މީހުން ގޮސްފައިވަނީ އަމިއްލަ 5 ޖަމާޢަތެއްގެ ޙަވާލުގައެވެ.

މީގެތެރެއިން ޒަޢީމާ ޙައްޖު ގުރޫޕްގެ ޙަވާލުގައި 200 މީހުން، ސިސިލްފަރު ގްރޫޕްގެ ޙަވާލުގައި 193 މީހުން، އެކްރޯ ގްރޫޕާއި އަލް ޙަރްމައިންއާއި މިނާ ގްރޫޕުންވެސް ކޮންމެ ގުރޫޕަކުން 200 މީހުން ޙައްޖަށް ގޮސްފައިވެއެވެ.

މިއަހަރު ޙައްޖަށް ދިޔަ މީހުން އެއަރޕޯޓަށް ދިއުމުގެ ހުރިހާ ޚިދުމަތެއް ސަރުކާރުގެ ޚަރަދުގައި ހަމަޖެއްސެވިނަމަވެސް އެނބުރި އަންނަ އިރު، މާލެ އައުމަށް އަދި އެފަދަ އިންތިޒާމެއް ހަމަޖައްސާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.